އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ދާއިރާތަކުގެ އިިންތިހާބު ފަސްކޮށްފި އެވެ.

އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތާއިގެން ކުރިއަށް ގޮސް އިންތިހާބު ބޭއްވުން ރަނގަޅުކަމަށް ނުފެންނާތީވެ، އިންތިޚާބު ފަސްކުރަން ނިންމައިފައިވާ ކަމަށެވެ. އަދި އަލުން އިންތިހާބު ބާއްވާނެ ތާރީހް ފަހުން އިއުލާންކުރާނެކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ފަސްކުރެވުނު ނަމަވެސް ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި އިންތިހާބު އޮންނާނެ ދުވަހެއް ކަނޑައެޅުމަށްފަހު އިއުލާނުކުރާނެ ކަމަށް އެމްޑީޕީއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެެވެ. އިންތިހާބު ފަސްކުރި ކަމުގައިވީނަމަވެސް އިންތިހާބާއި ގުޅިގެން އެމްޑީޕީގެ ފަރާތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިޔަށް ގެންދާކަން އެޕާޓީން އަންގާފައި ވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ކުރިން ނިއްމާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވޯޓުލުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންތިހާބުގައި ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރާނެއެވެ. އޭގެ ތެރޭގައި ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކެރެޓަރީންނާއި ނައިބުންގެ އިތުރުުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިހާބުގައި އައްޔަންކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފައިވާއިރު ދާދިފަހުން އެޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ސޯލިހް ވިދާޅުވީ އެތެރޭގެ އިންތިޚާބު ތަކަކީ ޕާޓީގެ ވާދަވެރިކަން އިތުރުވާނެ ކަމެއް ކަމަށްވާއިރު މިވަގުތަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުކުރަންވީ ވަގުތު ނޫންކަމަށެވެ. މިއީ ޕާޓީ އެއްބައިވަންތަކަން އިތުރުކޮށް އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވަނީ އެމްޑީޕީގެ މިފަހަރުގެ އެތެރޭގެ އިންތިޚާބަކީ ތަފާތު ވާދަވެރިކަމެއް ހިނގަމުންދާ އިންތިޚާބެއް ކަމަށެވެ. އެމްޑީޕީގެ އެންމެ އިސް ދެލީޑަރުގެ މެދުގައި އުފެދިފައިވާ ވާދަވެރި ކަމުގެ ސަބަބުން ދެބަޔަށް ބެހިފައިވާ އެތެރޭގެ ފިކުރާއެކު މިފަހަރުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވެސް ވާދަކުރަމުން ދާނީ ދެފަރާތަށް ބެހިގެން ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. ރައީސް ޞާލިހާއި ރައީސް ނަޝީދާއި ދެމެދުގައި ހިނގަމުން އަންނަ ވާދަވެރިކަން މިފަހަކުން އާންމުންނާ ހަމައަށް ތިލަވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ވެރިކަމުގެ ބާރުތައް ފުރޮޅާލަން ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރެއްވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން