"މި އެއަރޕޯރޓާއެކު، މި ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސްވެގެންދާނެ. އަދި މި އެއަރޕޯރޓް އިތުރަށް ތަރައްޤީވެ ފުރިހަމަވެގެންދާއިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް، މި އެއަރޕޯރޓް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ" މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތަރައްޤީކޮށް ނިންމި، ހޯރަފުށި އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް 19 ނޮވެމްބަރު 2020 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުން ފާހަގަކޮށްލެވޭ އިބާރާތް ކޮޅެކެވެ.

ރައީސްގެ ވާހަކަފުޅުން ހޯރަފުށީ އެއަރޕޯޓަކީ އެސަރަޙައްދުގެ ރައްޔިތުންނަށް ކިހާ މުހިއްމު ތަނެއްކަން ދޭހަވެއެވެ. އެހެންކަމަށްވާނަމަ އެފަދަ މަސައްކަތެއް ކުރަންޖެހޭނީ އެފަދަ އަހަމިއްޔަތުކަމަކާއި އިސްކަމެއްވެސް ދީގެންނެވެ. ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ނޫނީ އަވަސް އަރުވާލައިގެން ވަކި މަގުޞަދެއް ހާސިލު ކުރުމުގެ ބަދަލުގައި އެކަމުން ރައްޔިތުންނަށް ދިގުމުއްދަތެއްގައި ވާނެ ފައިދާއާ ގެއްލުމަށް ސަރުކާރުން ބަލަންޖެހޭނެއެވެ.

ހޯރަފުށީގައި އެއަރޕޯޓް އެޅުމުގެ ތަސައްވުރަކީ ރައީސް އަބްދުﷲ ޔާމީންގެ ތަސައްވުރެއް ނަމަވެސް، އެމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިސަރުކާރުންނެވެ. ހޯރަފުށި ކައިރީގައި އޮތް ރަށެއްގައި މި އެއަރޕޯޓް އަޅަން ރައީސް ޔާމީންގެ ސަރުކާރުން ނިންމި ނަމަވެސް، މިސަރުކާރުން ނިންމީ ހޯރަފުށީގައި އެއަރޕޯޓް އެޅުމަށެވެ. އެގޮތުން މިސަރުކާރުން ހޯރަފުށިން ބިން ހިއްކައިގެން އެއަރޕޯޓް ތަރައްޤީކުރިއިރު، އެކަމާއި ގުޅިގެން ތިމާވެއްޓަށް ގެއްލުމެއް ލިބޭތޯ ނުވަތަ ކުރާނެ އަސަރުތައް ދެނެގަންނަން ހަދަންޖެހޭ އީއައިއޭ ރިޕޯޓް ތައްޔާރުކުރީ ދާއިރާގެ މެމްބަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކުންކަމަށްވެސް މިހާރު ރަށުތެރޭގައި ދަނީ ކިޔަމުންނެވެ. ހަގީގައި މި އެއާޕޯޓަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން އެދާއިރާގެ ޓިކެޓްދިން އަހުމަދު ސަލީމް، ސައްލެއަށް ސަރުކާރުން ދިން ވަގުތީ ހަދިޔާއެއް ކަމަށް ވެސް އެދާއިރާގެ ބައެއް މީހުން ސިފަ ކުރެއެވެ.

ކޮންމެއަކަސް ބާރު ސްޕީޑުގައި ބިން ހިއްކާލުމަށްފަހު، މިދިޔަ އަހަރުގެ އޮގަސްޓްމަހު އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިއެވެ. އަދި ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހަށް އޮތީ ގާތްގަނޑަކަށް އެއަރޕޯޓް ނިންމާލާފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މިމަސައްކަތް ރެކޯޑް އަވަސް މިނެއްގައި ނިންމާލުމުން ސަރުކާރުން ދިޔައީ އެކަން ވަރަށް ގަދައަށް ފާހަގަކުރަމުންނެވެ. ނަމަވެސް އަވަސް އަރުވާލާފައި ކުރި މަސައްކަތުގެ ނަތީޖާގެ މިއަދު ހަމަޤައިމުވެސް ވަރަށް ހިއްޗެވެ. ވަރަށް ދެރައެވެ. ހުރިހާ ގެއްލުމެއް ގައުމުގެ ބައިތުލްމާލަށެވެ. ދާއިރާގެ ރައްޔިތުންނާއި މުޅި ގައުމަށެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ހއ. އަތޮޅަށްވެސް ވަނީ ވަރަށް ބޮޑަށް ވިއްސާރަވެ، މޫސުން ގޯސްވެފައެވެ. އެގޮތުން ހޯރަފުށްޓަށްވެސް ވާރޭވެހުމުގެ އިތުރުން އުދަވެސް އަރާފައިވެއެވެ.

ހޯރަފުށްޓަށް ކުރި ވިއްސާރައިގައި އެއަރޕޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެއަރޕޯޓް ޓަރމިނަލްގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ފެން ވަނުމުގެ އިތުރުން، އުދަ އެރުމުގެ ސަބަބުން މުޅި ރަންވޭ އޮތީ ދޮންވެލި ގޮނޑު ދޮށަކަށް ބަދަލުވެފަވެ. އަނެއްކޮޅުން އެއަރޕޯޓުގައި ފެންބޮޑުވެފައި އޮތް ވަރުން މަޖާޒީ ގޮތުން އެއީ ސީ ޕްލޭން ބޭސްއެއްތޯ ނުވަތަ ފްލޯޓިންގ އެއަރޕޯޓެއްތޯވެސް މީހުން އަންނަނީ ސުވާލުކުރަމުންނެވެ. ނަމަވެސް އެއީ ޖޯކެއް ޖަހާލާފައި ހަޖުލެއް ކިޔާލާފައި ހުއްޓާލެވޭ ވަރަށްވުރެ މާ ހައްސާސް މައްސަލައެކެވެ.



މިހާރު ކުރަމުންދާ ވިއްސާރައިގާ ހޯރަފުށި އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެންމެ ކުޑަމިނުން އެއަރޕޯޓް އޮތީ އިންޝުއަރވެސް ވެސް ނުކޮށެވެ. އެހެންވީމާ މި ގެއްލުމުގެ އެއްވެސް މިންވަރެއްގެ ބަދަލެއް ލިބިދާނެ ކަމަކަށް ވެސް ނުބެލެވެއެވެ. ހޯރަފުށި އެއަރޕޯޓް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެއަރޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށާއިރު، އެއަރޕޯޓް އިންޝުއަރ ކުރަންޖެހޭނެ ކަމަށެވެ. އަދި އޭނާ ކުންފުންޏާ ހަވާލުވެވަވަޑައިގެންނެވިއިރުވެސް ހޯރަފުށި އެއަރޕޯޓް އޮތީ އިންޝުއަރ ނުކޮށްކަމަށާއި އަދި އެއަރޕޯޓު އިންޝުއަރ ނުކޮށް އޮތުމުގެ ސަބަބުން ލިބޭ ގެއްލުން އިތުރުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއަރޕޯޓަށް ލިބުނު ގެއްލުމާއެކު އެއަރޕޯޓްގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފައެވެ. އާއްމު ގޮތެއްގައި މޫސުން ގޯސްވެގެން ފްލައިޓް ދަތުރުތައް މެދުކަނޑާލިޔަސް، މިއީ ސުނާމީ ކާރިސާއަށްފަހު ރާއްޖޭގެ އެއަރޕޯޓަކަށް މިފަދަ ގެއްލުންތަކެއްލިބި އެއަރޕޯޓް ބަންދުކުރަންޖެހުނު ފުރަތަމަ ފަހަރެވެ. އެހެންކަމަށްވާނަމަ މި އެއަރޕޯޓްގެ މަގުޞަދަކީ ހަމައެކަނި މެންބަރުގެ ގޮނޑިކަމުގައި ވާނަމަ މިއީ މެންބަރަށް މައްސަލައަކަށް ނުވެދާނެއެވެ. އެކަމަކު އަވަސް އަރުވާލައިގެން ވަކި ކަމެއް ހާސިލު ކުރުމުގެ ނިޔަތުގައި ނޫނީ ކުރީ ސަރުކާރަށް ވުރެ އަވަހަށް ކަންކަން ކުރަން ވާދަވެރި ރޫހެއްކަން ކަންކަން ކޮށްގެން ކުރިމަގުގައިވެސް މިފަދަ ކިތަންމެ ކަމެއް ކުރިއަށް އޮތްތަނުގައި ދިމާވުމަކީ އެކަށީގެންވާކަމެކެވެ.




ކިޔުންތެރިންގެ ހިޔާލު


-7

ރައްޔިތުން

16-May-2021

ވެރިކަމުން ރާއްޖެ އުސްހަރުހަރުފަތްތަކަށް ކުރިއަރައި ނުގަތްކަމުގެ ރަމްޒެއް. އަދި ވެރިކަމާއި ގުޅިގެން ރޭއްޖޭގެ ދުވެލި އަޑިޔަށް ހިގައްޖެ ކަން ރަމްޒުކޮށްދޭ.


0

މަދިރި

19-May-2021

ބަލަގުދުރަތީ ކާރިސާތަކުގަ އަތްއަޅާ މީހުން އެބައުޅޭތަ



ޓްރެންޑިން