ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް ޢާއްމު ކޮށްފި އެވެ.

މާލޭގެ ނީލޯފަރުހިނގުމުގައި ރައީސް ނަޝީދުގެ ޢާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ ކައިރީގައި މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:27 ހާއިރު ބާރުގަދަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އޭޑީކޭގައި ކުރި އޮޕަރޭޝަން ތަކަށް 16 ގަޑިއިރު ވަނީ ހޭދަވެފައެވެ. އެހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ.









ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް ނުރައްކާތެރި ސާޖަރީތަކެއް ހަދަން ޖެހުނު ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަން ވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.

މި ޙަމަލާއާއި ގުޅިގެން 3 މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރު ކުރެވުނު ތިން މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު 26އ، މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ.



މިއަދު އާންމުކުރި ފޮޓޯތަކުން ނަޝީދުގެ ބަނޑުގެ ބޮޑު ބައެއް މެޔާ ހަމައަށް ފަޅާލާފައިވާ ތަން ފެނެއެވެ. ރައީސް ނަޝީދަށް ބޮޑަށް އަނިޔާވެފައިވަނީ އެމަނިކުފާނުގެ ކުރިމަތިން ވައަތްފަރާތަށެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވަނީ އައިއީޑީގެ ބާރުގަދަ ކުރަން ބޭނުންކޮށްފައި ހުރި ބައެއް ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ ތެރެއަށް ވަދެގެން ގޮސް ގޮހޮރަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެތަނުން އެއް ރޭޒަ ފުށް ހިތާ ވަރަށް ގާތަށް ގޮސްފައި އިން ކަމަށާއި ހިތަށް ގެއްްލުންވިނަމަ ފުރާނަފުޅަށް އަސަރުކުރާނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިދިޔަ ހުކުރު ދުވަހު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ވިލާތަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން