ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ނައިބުން ހޮވުމުގައި އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި ކައުންސިލަރުން އަމަލު ކުރާނެ ވަކިގޮތެއް ކަނޑައަޅައި އެގޮތަށް އަމަލުކުރުމަށް އެޕާޓީން އަންގައިފިއެވެ.

އެމްޑީޕީން ރޭކުރި އިއުލާނެއްގައި ބުނެފައިވަނީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވާނީ އިންތިހާބުވި ހުރިހާ އެމްޑީޕީ މެންބަރުންގެ ތެރެއިން އެކަމަށް ޝަޢުގުވެރިވާ ކެންޑިޑޭޓުންގެ މެދުގައި ވޯޓެއް ނަގައިގެން ކަމަަށެވެ. މި ވޯޓު ނެގުމަށް ވިޕް ލައިނެއް ނެރުމަށް ވެސް ޕާޓީން ވަނީ އެދިފައެވެ. އަދި ނައިބު ރައީސް ހޮވުމަށް ބާއްވާ ވޯޓުގައި ހޮވޭ މެންބަރު ނޫން އެހެން މެންބަރެއްގެ ނަން ކައުންސިލަށް ހުށަނޭޅުމަށާއި ވިޕް ލައިނާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށް އެމްޑީޕީގެ އިއުލާންގައި ބުނެފައިވެއެވެ.

މީގެއިތުރުން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި ރަށު ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމާއި ރަށުގެ އެމްޑީޕީ ލީޑާޝިޕް އަދި އިންތިހާބުވި ކެންޑިޑޭޓުންގެ މެދުގައި ހޮވާ އެއް ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިން ނެރެ އެގޮތަށް އަމަލުކުރުމަށް އެމްޑީޕީން ވަނީ އަންގާފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކޮށްފައިވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. އެހެން ނަމަވެސް ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ޑެޕިއުޓީ މޭޔަރުން އިންތިހާބުކުރާ ގޮތަށް ހަމަޖެހިފައިވަނީ ކައުންސިލަރުންގެ ފުރަތަމަ ބައްދަލުވުމުގައި ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އާ ކައުންސިލަރުން ހުވާކުރާގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން