މިނިސްޓަރު އިމްރާން ރައީސް ނަޝީދާއި ބައްދަލުކުރައްވަނީ
މިނިސްޓަރު އިމްރާން ރައީސް ނަޝީދާއި ބައްދަލުކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ހާލުކޮޅާ ބެހޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އިތުރުފުޅު ހައްދަވާފައިވާ ކަމަށް ވިދާޅުވެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބުދުﷲ ޝަހީމް އެކަން ކުށްވެރި ކުރައްވައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަބުދު ﷲ ޝަހީމް މިހެން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބޮޑެތި ޒަޚަމްތަށް ފެންނަ ފޮޓޯތަކެއް އާއިލާ އިންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޝަހީމް ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މީޑިޔާގައި ރައީސް ނަޝީދުގެ ހާލުކޮޅާ ބެހޭގޮތުން އިތުރުފުޅު ހައްދަވާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.



ޝަހީމް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދަށްދިން ހަމަލާއާއި ގުޅިގެން އެރޭ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އެކިވަރުގެ ޒަހަމްތައް ހުރި ނަމަވެސް، ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ. ނަމަވެސް އިއްޔެ އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ނަޝީދުގެ ބަނޑުފުޅުގެ ބޮޑު ބައެއް، މެޔާ ހަމައަށް ފަޅާލާފައިވާކަން ހާމަވެއެވެ. އަދި ހަށިކޮޅުގެ އެތައް ތަނަކުން ފަޅާފައިވާކަން ވެސް ހާމަވެއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ކުރިން ވިދާޅުވެފައިވަނީ ހަމަލާ ދޭން ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުއްތަކާއި އެހެން ބައެއް އެއްޗެހި ހަށިގަނޑަށް ވަދެ ގޮހޮރު ވެސް ފޫއަޅުވަލާފައިވާ ކަމަށެވެ. އަދި ގޮހޮރުން ހަށިގަނޑުތެރެއަށް ލީކުވެފައި ވާތީ ސާފުކޮށް ގޮހޮރު ފަހަން ޖެހުނު ކަމަށް އޭޑީކޭގެ ޑޮކުޓަރުން ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދަށް ބޮޑަށް އަނިޔާވެފައިވަނީ އެމަނިކުފާނުގެ ކުރިމަތިން ވައަތްފަރާތަށް ކަމަށް މަޖިލީހުގެ އިދާރާ އިން އާންމުކުރި ފޮޓޯތަކުން ހާމަވެއެެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވަނީ އައިއީޑީގެ ބާރުގަދަ ކުރަން ބޭނުންކޮށްފައި ހުރި ބައެއް ރޭޒާ ފުއްތަކުގެ ތެރެއިން އެއް ރޭޒަފުށް، ރައީސް ނަޝީދުގެ ހިތްޕުޅާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށާއި ހިތަށް ގެއްްލުންވިނަމަ ފުރާނަފުޅަށް ވެސް އަސަރުކުރާނެ ކަމަށެވެ. ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް 16 ގަޑިއިރު ވަންދެން ނުރައްކާތެރި ސާޖަރީތަކެއް އޭޑީކޭއިން ވަނީ ހަދާފައެވެ. ރައީސް ނަޝީދު މިހާރު ގެންދަވަނީ ޖަރުމަން ވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން