މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން 6.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ އަދި ރަށްރަށުގައި ނަގާފައިވާ ފިޠުރު ޒަޖާތު ފައިސާ ޢީދު ނަމާދުގެ ކުރިން އެ ރަށެއްގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް ބަހާފައިވާކަމަށެވެ. އަދި މިނިސްޓްރީގެ ބެލުމުގެ ދަށުން ހުރިހާ ރަށެއްގައި ފިޠުރު ފައިސާ ނަގާ، ބަހާފައިވާއިރު ރަށްރަށުގައި ބެހިގޮތުގެ ތަފްސީލު ލިބޭނީ މިނިސްޓްރީއަށް ހުރިހާ ކައުންސިލަކުން ތަފްސީލް ލިބުމުންކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.



އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސިޓީގައި ފިޠުރު ޒަކާތް ބަލައިގެންފައިވަނީ 1 ރަމަޟާން އިން ފެށިގެން 30 ރަމަޟާން ވަނަ ދުވަހުގެ 20:00 އާ ހަމައަށެވެ. އަދި ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު މާލެ ސިޓީން ހަމިލިއަން ހަތްލައްކަ ސާޅީސް ހަ ހާސް އަށްސަތޭކަ ނުވަދިހަ ހަ ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 6.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިއަހަރު މާލެއިން ފިޠުރު ޒަކާތް ދައްކާފައިވާ މީހުންގެ ޢަދަދަކީ 164392 އެވެ. މާލެ ސިޓީ ފަޤީރުންނާއި މިސްކީނުންގެ ދަފްރަތުގައި 1498 މީހުން ހިމެނޭއިރު 1494 މީހަކަށް ވަނީ ޒަކާތުގެ ފައިސާ ބަހާފައެވެ. އެއީ ބޮލަކަށް 4200 ރުފިޔާގެ މަގުންނެވެ.

އެގޮތުން މިއަހަރުގެ ޒަކާތު ފައިސާއިން ފަޤީރުންގެ ދަފްތަރަށް ބަހާފައިވަނީ ޖުމްލަ 6,274,800.00 (ހަމިލިއަން ދެލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ) ރުފިޔާއެވެ. ދައުލަތުން ބަލަހައްޓަމުންދާ ކުދިންނާ މީހުން ތިބޭ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 472,096.00 (ހަތަރު ލައްކަ ހަތްދިހަ ދެހާސް ނުވަދިހަ ހައެއް) ރުފިޔާ ޒަކާތު ފައިސާއިން ދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1442 ރަމަޟާން 28 ވަނަ ދުވަހާއި ހަމައަށް އެކައުންޓްގެ ތަފްސީލް ލިބިފައިވާ ޖުމްލަ 1472 މީހުންނަށް ފިޠުރު ޒަކާތު ފައިސާ، އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް 1442 ރަމަޟާން 30 ވަނަ ދުވަހާއި ހަމައަށް އެކައުންޓް ތަފްސީލް ލިބިފައިނުވާ ފަރާތްތަކަށް ފައިސާ ދެވޭނެ އިންތިޒާމްތަށް ހަމަޖައްސައި އިތުރު 22 މީހުންގެ ފައިސާ މިނިސްޓްރީންވަނީ ދޫކޮށްފައެވެ.

ފިޠުރު ޒަކާތުގެ ފައިސާ އަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް ޢީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަންޖެހޭ ފައިސާ އެކެވެ. އެގޮތުން އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނާއި މިސްކީނުންނަށް ބަހާއިރު މާލެ އަދި އަތޮޅުތަކުގެ އެކި ރަށްތަކުގައި ބޮލަކަށް ޖެހޭ ޢަދަދު ތަފާތުވާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން