ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހުވާލުކުރުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު އޮންނާނެއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މި ރަސްމިއްޔާތުތައް މާދަމާ ހެނދުނު 09:00 ޖަހާއިރު ފަށާނެ ކަމަށެވެ.

އެލްޖީއޭއިން ބުނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ހުވާކުރުމުގެ ރަސްމިއްޔާތުތައް ކުރިއަށްދާނީ ހާއްސަ ފިޔަވަޅުތަކަކާއެކުގައި ކަމަށެއވެ. އެގޮތުން 100 އެއްހާ ރަށުގެ ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ. އޭގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަރުންނާއި މޭޔަރު ހުވާކުރުންވެސް ހިމެނެއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ހުވާކުރުމުގެ ރަސްމިއްޔާތު ޓީވީތަކުން ވަގުތުން ދުރަށްދައްކާނެކަމަށްވެސް އެލްޖީއޭއިން ބުނެފައިވެއެވެ. މާލެ ސިޓީ ކައުންސިލްގެ ހުވާކުރުން ކުރިން އޮތީ ސަލްޓަން ޕާކުގައި ބާއްވާގޮތަށެވެ. ނަމަވެސް އެޗްޕީއޭއިން އެދިގެން އެނިންމުން ބަދަލުކުރީއެވެ.

މީޑިއާއަކަށް މައުލޫމާތުދެއްވަމުން އެލް.ޖީ.އޭގެ ޑިރެކްޓަރ ލީގަލް މޮނިޓަރިން އެންޑް އިންވެސްޓިގޭޝަން ޢަބްދުﷲ ރަޝީދު ވިދާޅުވީ، ހުވާކުރުމުގެ ކަންކަން މި ފަހަރު ދެ ގޮތަކަށް ކުރިއަށްދާނެކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ހުވާކުރުމުގެ ދަރުބާރަށް ފަނޑިޔާރުން ހާޒިރުވެ ހުވާލައިދެއްވާއިރު، އަނެއް ބައި ރަށްރަށުގައި މިކަން ދާނީ އޮންލައިންކޮށްކަމަށެވެ. އެގޮތުން 101 ރަށެއްގައި ހުވާކުރުމުގެ ދަރުބާރުގައި ފަނޑިޔާރުން ބައިވެރިވެޑައިގަންނަވާނީ އޮންލައިންކޮށެވެ. ހުވާކުރުމުގެ ދަރުބާރަށް ފަނޑިޔާރުން ހާޒިރުވެވަޑައިގަންނަވާނީ 99 ރަށެއްގައެވެ. 187 ކައުންސިލަރެއް ހުވާކުރާނީ އޮންލައިންކޮށެވެ.

މާދަމާ ހެނދުނު 09:00 ޖަހާއިރު ހުވާކުރުމުގެ ރަސްމިއްޔާތުތައް ފަށާއިރު، ހުރިހާ ރަށެއްގައި އެއް ފަހަރާ ރަސްމިއްޔާތުތައް ނުފަށާނެކަމަށާއި ހަވީރު 05:00 ޖެހުމާއި ހަމައަށް ހުވާކުރުމުގެ ކަންކަން ކުރިޔަށްދާނެކަމަށް އެލްޖީއޭއިން ބުނެއެވެ.

މަދާމާ އޮންނަ މާލެ ސިޓީ ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ފަށާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާ ޚާއްސަ ޚިޠާބަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން