ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (2)ވަނަ ނަންބަރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދު ހުޅުވާލާފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (2)ވަނަ ނަންބަރުގެ ދަށުން 3 ދާއިރާއަކުން ބޭފުޅުން އައްޔަންކުރަންޖެހެއެވެ.

އެބޭފުޅުންނަކީ:-

1- ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން އަންހެން މެމްބަރެއް

2- ގަވަރނަންސްގެ ދާއިރާއިން މެމްބަރެއް

3- މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް

ގާނޫނު ބުނާގޮތުން މި މަގާމްތަކަށް ކުރިމަތިލާ ބޭފުޅުންގެ ނަންތައް ފޮނުވުމުން، އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މިބޭފުޅުންނަކީ 5 އަހަރުގެ ދައުރަކަށް އައްޔަންކުރާ ބައެއްކަމަށްވެސް ގާނޫނުގައި ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ފުރުޞަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މޭ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށެވެ. އަދި މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެކަމަށްވެސް އެ އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން