މިމަހު 6 ވަނަ ދުވަހު އައީޑީއެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާގައި ލިބުނު އަނިޔާތަކަށް ޖަރުމަން ވިލާތުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެގައުމުގައި ހުންނަވައިގެން ތަފާތު ފޮޓޯއެއް ހިއްސާ ކުރައްވައިފި އެވެ.

ރައީސް ނަޝީދު ޖަރުމަންވިލާތުގައި ހުންނަވައިގެން ނަންގަވާފައިވާ އެ ފޮޓޯ އާންމުކުރެއްވީ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ އެވެ. އެ ފޮޓޯއިން ފެންނަނީ އީވާގެ ފިރިކަލުން ސާބެއާއިއެކު މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ހުންނަވާ މަންޒަރެވެ. ރައީސް ނަޝީދު ސާބެ އާއެކު ހުންނަވަނީ ހޮސްޕިޓަލުގެ ހެދުމުގައި ކޯޓެއް ތުރުކުރައްވައިގެންނެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ އެލެކްސް އަހުމަދު އައިޑީއިން ހިއްސާ ކުރެއްވި އެހެން ފޮޓޯއަކުން ފެންނަނީ އެމަނިކުފާނު، ހޮސްޕިޓަލުގެ ކުޑަދަރެއް ކައިރީގައި ބޭރު ބައްލަވަން ހުންނަވާ މަންޒަރެވެ. މި ފޮޓޯއާއެކު "ނައިސް މޯނިން އިން ބާލިން،" މިހެން ލިޔުއްވާފައި ވެއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ، ވަރަށް ބޮޑަށް ވަނީ ޒަޚަމްވެފައެވެ. ރައީސް ނަޝީދުގެ ހަށިކޮޅުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒާ ފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވާފައެވެ.

ރައީސް ނަޝީދު ދަތުރުކުރެއްވި އެއާ އެމްބިއުލާންސްގެ ހަރަދާއި ޖަރުމަނުވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ހަރަދު ހަމަޖައްސާފައިވަނީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިނިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށް މަޖިލީހުގެ އިދާރާއިން ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން