ކޯވިޑް ކޭސްތައް އިތުރުވެ ސިއްޙީ ޚިދުމަތްތެރިންނަށް ވަނީ މެދުނުކެނޑި އެތައް ގަޑިއިރަކު ވަރުބަލިކަމާއެކުވެސް ޚިދުމަތް ކުރަން ޖެހިފައި
ކޯވިޑް ކޭސްތައް އިތުރުވެ ސިއްޙީ ޚިދުމަތްތެރިންނަށް ވަނީ މެދުނުކެނޑި އެތައް ގަޑިއިރަކު ވަރުބަލިކަމާއެކުވެސް ޚިދުމަތް ކުރަން ޖެހިފައި
މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްނުވެ ފެތުރެމުންދިއުމާއެކު ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ގިނަ ނަރުހުން ކޯވިޑްގެ މަސައްކަތަށް ބަދަލުކުރަން ޖެހުމުން ބައެއް ވޯޑްތަކުގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ޑރ. މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ކޯވިޑްގައި ރާއްޖެއިން ރޭ ފަތިހު 100 ވަނަ މީހާ ނިޔާވި ޚަބަރު ހިއްސާ ކުރަށްވަމުން ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރި ބަލިމަޑުކަން ކޮންޓްރޯލެއް ނެތި ހަލުއިކަމާއެކު ފެތުރެމުންދާ ކަމަށެވެ. މީގެ ސަބަބުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ގިނަ ނަރުހުން ކޯވިޑްގެ ބަލިމީހުންނަށް ޚިދުމަތް ކުރުމަށް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ހޮސްޕިޓަލްގެ އެހެން ޚިދުމަތްތަކަށް ބުރޫއަރައި، ބައެއް ވޯޑުތަކުގެ ޚިދުމަތް މުޅިން ހުއްޓިފައިވާ ކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

"ކޯވިޑް-19 ގައި މަރުވި މީހުންގެ އަދަދު 100 އަށް އަރައިފި. ކޭސް މަދެއް ނުވޭ. ބަލިފެތުރެމުން މިދަނީ ރޯވެފައިވާ އަލިފާން ގަނޑެއް ފެތުރޭހާ ހަލުއިމިނުގައި. ކޮންޓެކްޓް ޓްރޭސިން ހެދުމަށް ވަނީ ނުކުޅެދިފައި. މުވައްޒަފުން (ސިއްޙީ ޚިދުމަތްތެރީން) ވަރުބަލިވެގެން ދެމެނީ." ޓެކްނިކަލް އެޑްވައިޒަރީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ކޯވިޑްގެ ނުރައްކާތެރިކަން އިތުރުވެފައިވާ މިންވަރު ހާމަކޮށްދެއްވަމުން ޑރ. މުހައްމަދު ޢަލީ ވިދާޅުވީ އައިޖީއެމްއެޗްގެ ނަރުހުން މިހާރު ދުވާލަކު 12 ގަޑިއިރު ޑިއުޓީ އަދާކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލްގައި ތިބި އެހެނިހެން ބަލިތައް ތަހައްމަލު ކުރަމުން ގެންދާ މީހުން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



"ދުޢާއާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅު ތަކަށް އަމަލުކޮށްގެން ﷲގެ އިރާދަފުޅާއެކު އަދިވެސް ބަލި ކޮންޓްރޯލް ކުރެވޭނެ." ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވެފައި ވެއެވެ.

މުހައްމަދު އަލީ ވަނީ އެހެން ވަރަށް މުހިންމު އަދި ނުރައްކާތެރި މެސެޖެއްވެސް ދެއްވާފައެވެ. އެގޮތުން ބައެއް ރަށްރަށުން ބަލި ޖެހިގެން ރަނގަޅު ވެފައިވާ ބައެއްގެ ފުއްޕާމޭގެ އެކްސްރޭއިން އަލުން ބަލީގެ އަލާމަތްތައް ދައްކާފައި ވީނަމަވެސް ޕީސީއާރްގެ ނަތީޖާއިން އެމީހުންނަށް ބަލިޖެހިފައިވާކަން ނުދައްކާ ކަމަށް ވިދާޅުވެ ޑރ. މުޙައްމަދު އަލީ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންވެސް ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް އޭނާ ވަނީ އިލްމާސް ކުރަށްވާފައެވެ.

ރާއްޖޭގައި މަޑުޖެހުމެއްނެތި ކޯވިޑް ފެތުރެމުންދާތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް ތިން ހަތަރު މަރާއެކު 700 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެއެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކާ މީގެ ދެހަފުތާ ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އިއްޔެ ވަނީ އިތުރު ދެހަފުތާއަށް ދަންމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން