މާލޭ ސިޓީ ކައުންސިލްގެ ދެ ދައުރު ނިންމާލުމަށްފަހު މިއަދު މަގާމުން ވަކިވެވަޑައިގެންނެވީ ތަފާތު ގިނަ ގޮންޖެހުންތަކާއެކުވެސް، ގިނަ ކާމިޔާބީތަކެއްވެސް ހޯއްދަވައިގެން ކަމަށް މާލޭގެ މޭޔަރު ޝިފާ މުހަންމަދު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ޝިފާ މުހަންމަދުގެ ދައުރު ހަމަވުމާއި ގުޅިގެން ނެރުއްވި ބަޔާނުގައި ވިދާޅުވީ މިއަދަކީ މީގެ އަހަރުތަކެއް ކުރިން ރައްޔިތުން ހަވާލުކުރި، ވާޖިބުތައް އަދާކުރުމަށް، މާލޭ ސިޓީގެ މޭޔަރުގެ މަޤާމުގެ ދައުރުގެ އެންމެ ފަހުވަގުތުކަމަށެވެ. ޝިފާ ވިދާޅުވީ 2014 ވަނަ އަހަރު ކައުންސިލަށް ރައްޔިތުން އިންތިހާބު ކުރެއްވި ދުވަހުން ފަށައިގެން، މިއަދާއި ހަމައަށް، ދެ ދައުރު ނިންމާލުމަށްފަހު މަސައްކަތާއި ވަކިވެގެން ދަނީ ވަރަށް ގިނަ ހަނދާންތަކާއިއެކު، ތަފާތު ގިނަ ގޮންޖެހުންތަކާއި، ހިތާމަވެރި ހާދިސާތަކާއި، އުފާވެރި އެތައް ވަގުތަކާއި، އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު، ގިނަ ކާމިޔާބީތަކެއްވެސް ހޯދައިގެން ކަމަށެވެ.  މަސައްކަތުގެ މާހައުލުގައި ކުރިމަތިވި ކަންކަމާއި ކުރިމަތިލުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ، ރައްޔިތުން ދެއްވި ނަސޭހަތާއި، ލޯތްބާއި، އެކުގައިމަސައްކަތްކުރި ކައުންސިލަރުންނާއި، ޚިދްމަތްތެރި މަސައްކަތަށް ވަފާތެރި މުވައްޒަފުން ދެއްވި ހިތްވަރާއި ބެހެއްޓެވި ގާތްކަމުގެ ސަބަބުން ކަމަށް ޝިފާ ވިދާޅުވިއެވެ.

"ނަމަވެސް ބައެއްގެ ޒާތީ ހަސަދަވެރިކަމުގެ ތެރެއިން ރޭވިގެން ހިންގި، ބައެއް ޢަމަލުތަކުގެ ސަބަބުން ކައުންސިލްގެ މުހިއްމު ވަގުތުތަކެއް ގެއްލިގެން ދިޔަކަން ހިތާމައާ އެކު ފާހަގަކުރަމެވެ." ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ދައުރުގެ ބޮޑުބައެއް ހޭދަކުރަންޖެހިވަޑައިގަތީ އޭރުގެ ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް އަޅާލުމެއް ނުލިބި، މަގުމަތިވި ހާލުގައި، ހަމަ އެ ކުޑަކުޑަ ގޮޅީގައި ކަމަށެވެ. ދެމުން އައި ހިދްމަތްތައް އަތުލައި، މަރުކަޒީ ވިސްނުމަށް ހިންގުމުގެ ނިޒާމް ބަދަލުކުރުމާއިއެކު، ކައުންސިލް އިދާރާ ވެގެންދިޔައީ ދައުލަތުގެ އެންމެ ކުޑަ އިދާރާއަށްކަން ފާހަގަކުރައްވާ ވިދާޅުވީ ޖާގައިގެ ދަތިކަމާއިއެކު އެކަމަނާއާއި، މާލެއަށް އިންތިހާބުކޮށްފައިތިބި 13 ކައުންސިލަރުން ތިބެންޖެހުނީ ކުޑަ ކޮޓަރިއެއްގައި އެންމެ މޭޒެއް ވަށައިގެން ކަމަށް ޝިފާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު އައު ސަރުކާރެއް އިންތިހާބުވުމާއި ގުޅިގެން، އުއްމީދުތައް އާވެގެން ދިޔަ ކަމަށާއި، ގިނަ ބާރުތަކެއް ކައުންސިލަށް ލިބި، ގިނަ މަސައްކަތްތައް ކުރެވިގެންދިޔަކަން ޝިފާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.



"މާލޭގެ މުނިސިޕަލް ގިނަ ޚިދްމަތްތަކާއި، ތަފާތު އެކި މަޝްރޫއުތަކާއި، މުވައްޒަފުންނަށްވެސް ކުރިއަށްވުރެ ރަނގަޅުގޮތްތައް ހޯދައިދެވުނެވެ." ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ މިދައުރުގައި މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލުވެގެންދިޔަ ކަމަށާއި ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓާއި، މާލޭ ސިޓީގައި ގާއިމްކުރެވުނު ގިނަ ޕާކިންގް ލޮޓް ތަކާއި، ބަސް ސްޓޮޕްތަކާއި، އެކި ވަރުގެ ޕާކްތައް ވެގެންދާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަންކަމަށެވެ. އަދި ކުރިއަށް ރޭވި ބަޖެޓް ކުރެވިފައިވާ ތަފާތު ގިނަ މަސައްކަތްތައް ވެގެންދާނީ މުނިސިޕަލް ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކޮށިފައިވާ ފަސޭހަ މަގަކަށް ކަމަށާއި، މާލެ އާއި ވިލިމާލޭގައި އަޅަން ރޭވިފައިވާ މަސް މާރުކޭޓާއި، މާލޭގައި އެޅޭ ސިޓީ ހޯލާއި، މަލްޓި ސްޓޯރީ ޕާކިންވެގެންދާނީ، މާލެއަށް ކުރިއެރުން ގެނެސްދޭނެ ބޮޑެތި މަޝްރޫތަކަށް ކަމަށްވެސް ޝިފާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ ސިޓީ ކައުންސިލުން ރާވައިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުނަ ނުދީ ރައްޔިތުންނާއި ހަމައަށް، އަލަށް ހަވާލުވާ ކައުންސިލުންވެސް ގެންގޮސްދެއްވުމެވެ." ޝިފާ ވިދާޅުވިއެވެ.

ޝިފާގެ ނިމިދިޔަ ދައުރުގައި ވަރަށް ގިނަ ކަންކަން ކުރެވުނު ކަމަށް ވިދާޅުވި ނަމަވެސް ގިނަ ބަޔަކު ފާހަގަ ކުރަނީ ވޭތުވެދިޔަ ދައުރަކީ މާލޭ ސިޓީ ކައުންސިލްގެ ދުވެލި މަޑު، ގިނަ ކަންކަމުގައި ކައުންސިލް ފެއިލްވެ އެތެރޭގެ ކޯޅުމުގައި ގިނަ ދުވަސްތަކެއް ބޭކާރުވެގެން ދިޔަ ދައުރެއް ކަމަށެވެ.

މިއަދު ވަނީ މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ޑރ. މުހަންމަދު މުއިއްޒު މަގާމުގެ ހުވާކުރަށްވައި މާލެސިޓީއަށް އަލަށް އިންތިހާބުކުރި އެހެން ކައުންސިލަރުން ވެސް މަގާމުގެ ހުވާކުރައްވައި ރަސްމީކޮށް މަގާމާއި ހަވާލުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން