| ފޮޓޯ: ޝާހް، ރަސް އޮންލައިން
| ފޮޓޯ: ޝާހް، ރަސް އޮންލައިން
ހިޔާ ފުލެޓްތަކުގެ ފިނިޝިންގް ނުވަތަ ނިންމަން ފްލެޓް ލިބުނު ފަރާތްތަކުން ކުރާ ޚަރަދު ކުލިން ކެނޑޭގޮތަށް ހެދުމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ސަރުކާރަށް ގޮވާލަައްވައިފިއެވެ.

މާލޭގެ މޭޔަރު ކަމާއި މިއަދު ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަނީ ހިޔާ ފުލެޓް ލިބުުނު ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފުލެޓް ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ހަމައެއާއެކު މި ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ހިޔާ ފުލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ރައްޔިތުން ޚަރަދުކުރަންޖެހޭ ގޮތަށް ކަމަށާއި، އެހެންކަމުން ރައްޔިތުންގެ އަތުން ދާ ޚަރަދުގެ އެވްރެޖެއް ހަދައި އެކަމަށް ދާ ޚަރަދަކީ ފުލެޓްގެ އަގުން އުނިވެގެންދާ އެއްޗަކަށް ހެދުމަށް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ހިޔާ ފުލެޓްތަކުގެ ކުލި މަހެއްގެ މައްޗަށް ދައްކަންޖެހޭވަރު 5600 ރުފިޔާއަށްވުރެ ބޮޑުނުކުރުމަށް މުއިއްޒު ގޮވާލެއްވިއެވެ. އެއަދަދަކީ ފައިނޭންޝިއަލް ކޯސްޓާއި ފިނިޝިންގެ ހުރިހާ އަަދަދެއް ހިމަނައިގެން އެޗްޑީސީއަށް ގެއްލުން ނުވެ ކުއްޔަށް ދެވޭނެ އަދަދެއް ކަމަށާއި، އެއަދަދުން ގެއްލުން ނުވެ ފައިދާވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޑައުންޕޭމަންޓް އެއްފަހަރާ ނުދެއްކޭ ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ވެސް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

ގުޅީފަޅުގައި ޕޯޓް އެޅުމަށް ސަރުކާރުން ކުރާ މަސަައްކަތް ވަގުތުން ހުއްޓާލުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް މުއިއްޒު ވަނީ މިއަދު ގޮވާލައްވާފައެވެ. ގުޅީފަޅުގައި ޕޯޓް އެޅުމުގެ ބަދަލުގައި އެތަން ހިއްކައި މާލޭގެ ރައްޔިތުން ގެދޮރުވެރިކުރާނެ މަންޒިލަކަށް އެތަން ހެދުމަށް ޑރ.މުއިއްޒު އެދިވަޑައިގެންނެވިއެވެ. އެހެންކަމުން މިސަރުކާރުން ގުޅިފަޅުގައި އަޅަން ނިންމި މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށްދިނުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

"ޓެކްނިކަލް އެއްވެސް ޖަސްޓިފިކޭޝަނެއް ނުދެއްކޭ ތަނެއްގައި ގުޅީފަޅުގައި ޕޯޓް އެޅުމަކީ މާލޭ ސިޓީކައުންސިލުގެ ގެދޮރުގެ އުއްމީދަށް އެޅޭފަހެއް." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވުނު ނަމަވެސް އެ މިސްކިތުގައި ރައްޔިތުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ކުރިއަށް އޮތް ފަސް އަހަރަށް ފާސް ކޮށްފައިވާ މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ވަނީ އިފްތިތާހްކޮށްފައެވެ. ސްޓްރެޓެޖިކް އެކްޝަން ހާސިލް ކުރުމަށް ސަރުކާރުން ބީރުކަންފަތެއް ނުދީ ނަތީޖާ ނެރުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުން އެއްބާރުލުން ދީފިނަމަ މިހާރުގެ މާލެ ސިޓީ ކައުންސިލް ވެގެންދާނީ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާއަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޢާލީ

18-May-2021

މަރުހަބާ! އަދި ތިހުށަހެޅުމަށް ފުރިހަމަޔަށް ތާއީދުކުރަން ތީ އަހަރެމެންގެ އުއްމީދު



ޓްރެންޑިން