ވަރަށް އަވަހަށް އެނބުރި މަޖިލީހުގެ މަސައްކަތަށް ވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އައު ދައުރު މިއަދު ފެށުމާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިދައުރު ފެށިގެން އައީ އެމަނިކުފާނުގެ ފުރާނަ ދުއްވައިލުމަށް ބަޔަކު ހަމަލާއެއް ދީފައިވާ ވަގުތެއްގައި ކަމަށާއި، ނަމަވެސް ހުރިހާ މެންބަރުންވެސް ހީވާގިކަމާއެކު މަސައްކަތްކުރައްވައި ޤައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރައްވާނެކަން ޔަޤީންކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު، ވަރަށް އަވަހަށް އެނބުރި މަޖިލީހުގެ މަސައްކަތަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައްޔިތުންނާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރަށް ހުރިހާ ރައްޔިތުންވެސް އެދޭ ފަދައިން އެމަނިކުފާނުގެ ޒިންމާ އަދާކުރެއްވުމުގައި ހިތްވަރާއެކު ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.

އަަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއިން ސަލާމަތްވެވަޑައިގެން ރައީސް ނަޝީދު މިވަގުތު ގެންދަވަނީ ޖަރުމަނު ވިލާތުގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ. މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެންނެވެ. މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން