މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މޭމަހުގެ 27 ވަނަ ދުވަހު ހަމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިދިޔަ މާޗުމަހުގެ 18 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ރައީސް އޮފީހުން ވިދާޅުވީ މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ ފުރުޞަތު ހަމަވާނީ މޭމަހުގެ 27 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 2:00 އަށްކަމަށެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު މޭ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ދެމެދު މިއޮފީހުގެ ރިސެޕްޝަނުން ބަލައިގަންނާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އިނާމަށް ހުށައަޅުއްވާ ފަރާތްތަކުން ފޯމު ފޮނުވަން ޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އީމެއިލް މެދުވެރިކޮށްވެސް ވަނީ ހުޅުއްވައިލައްވައިފައެވެ. ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން އެދިވަޑައިގަންނަވައެވެ.

ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލައްވައިފައިވަނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވައިފައެވެ.

ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން