މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑޭ
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑޭ
ރަައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއަށް ފަންޑުކުރި މީހުން، ފައިސާގެ އިނާމެއް ހުށައަޅައިގެން ހޯދޭނެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރަައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށައެޅި މަައްސަލައަށް ބަހުސްކުރައްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، މިޒަމާނުގައި ހުރިހާ މީހުންވެސް މަސައްކަތް ކުރަނީ ފައިސާއަށް ކަމަށާއި، ފައިސާގެ އިނާމެއް ހުށައެޅުމުން އެފައިސާ ބޭނުންވާ މީހާ އެމައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކީއްވެގެންތޯ ފަންޑު ކުރި މީހުން [އިންސާފުގެ] ކުރިމައްޗަށް ނުގެނެވެންވީ. އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް އިނގިލި ދިއްކުރާނީތޯއޭ ނުވަތަ ފަންޑު ކުރި މީހުން ހޯދާނީތޯއޭ؟ އިއުލާންކުރަންވީނު، ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލެއް އޮވެޔޭ. އެފަދަ މައުލޫމާތެއް ދޭ ފަރާތްތަކަށް އިނާމް ކަނޑައަޅާ. މައުލޫމާތު ފޯރުކޮށްދޭ ފަރާތްތައް އެބަތިބި." ބޮންޑޭ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވިދާޅުވީ، ރައީސް ނަޝީދަށް ދިން އެހަމަލާ ރޭވި މީހުންނާއި ފަންޑުކުރި މީހުންނާއި އެކަމުގެ އަޑީގައި ތިބި ހުރިހާ މީހުން ހޯދައި އެ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭ ކަމަށާއި، އެހެން ނޫނީ އެފަދަ އަމަލުތައް ތަކުރާރުވެގެންދާނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމާގުޅޭ މައުލޫމާތު ފޯރުކޮށްދޭން މީގެ ކުރިން ފުލުހުން އާންމުންގެ އެހީއަށް ވަނީ އެދިފައެވެ. އަދި ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަދުހަމް އަހުމަދު ރަޝީދު ހޯދީވެސް އާންމުންގެ މީހަކު ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށްކަން ފާހަގަކޮށްލެވެއެވެ. އެ ހަމަލާ ދިން ކަމުގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން