ފަލަސްތީނުގެ ގައްޒާގައި ހުންނަ ދިވެހިރާއްޖެ ސިފަކޮށްދޭ "މޯލްޑިވްސް ގައްޒާ" ކެފޭއަށް އިޒްރާއީލުގެ ސިފައިން ބޮން އަޅައި ސުންނާފަތިކޮށްލައިފިއެވެ.

"މޯލްޑިވްސް ގައްޒާ" ކެފޭއަށް އިސްރާއީލުން ބޮން އަޅާފައި މިވަނީ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އުދުވާނީ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް އިޢުލާން ކުރުމަށްފަހުއެވެ.

"މޯލްޑިވްސް ގައްޒާ" ކެފޭއަށް ބޮން އަޅާފައިވާއިރު، އެކެފޭ ވަނީ ބޭނުންނުކުރެވޭ ވަރަށް ސުންނާފަތިވެފައެވެ. މި ކެފޭއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ރީތިކަން ދެކިލާން ނާދެވުނު ކަމުގައި ވިޔަސް އެ އިހުސާސްތައް ކުރެވޭ ގޮތަށް ފަލަސްތީނުގެ ރައްޔިތަކު ތައްޔާރުކޮށްފައިވާ ތަނެކެވެ. ކަނޑުގެ އައްސޭރިފަށުގައި ހަދާފައިވާ މިކެފޭއަށް މީހުން ޒިޔާރަތްކޮށް ދިވެހި ރާއްޖެ ސިފަކުރެވޭ ކަމަށް ބުނެފައި ވެއެވެ.

މިކެފޭގެ އިތުރުންވެސް ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ރެއާއި މިއަދުވެސް ވަނީ ހަމަލާ ދީފައެވެ. މިހަމަލާތަކުގައި 100 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވާއިރު، 400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މޯލްޑިވްސް ގަޒާ ކެފޭ ހުޅުވީ 2020 ވަނަ އަހަރުއެވެ. 140 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާފައިވާ އެ ކެފޭ ހުންނަނީ މޫދާ ގާތުގައެވެ. އަދި ރާޅު ޖަހާ ހިސާބުގައި ތިން ބުރިއަށް ނަގާފައި ހަދާފައި ހުންނަ އެ ކެފޭއަކީ ރާއްޖޭގެ ރެސްޓޯރެންޓުތަކުން ކުރެވޭ އިހުސާސްތައް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކެފޭއެކެވެ. އެގޮތުން އެ ކެފޭއަށް ވަނުމުން ކަނޑާއި ރާޅުމުގުރާ މަންޒަރު ގާތުން ފެންނަ ކަމަށް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން