އައްޑޫ އަމިއްލަ ހޮސްޕިޓަލަކުން ކަށީގެ ފަރުވާއެއް ހޯދި އަންހެނަކަށް ޑޯޒް މަތިކޮށް ދިން ބޭހެއް ކައިގެން އޭނާގެ ގުނަވަންތައް ފެއިލްވެގެން ނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫ އާއިޝަތު އަޒީޒާ ހަލީލް، 58އ، ނިޔާވީ، އައްޑޫ އެއިމްސް ޑައިގްނޯސްޓިކް ކެއާ (އެއިމްސް) ކްލިނިކުގެ ކަށީގެ ޑޮކްޓަރު ދިން ބޭސް ކާތާ 10 ވަރަކަށް ދުވަސް ފަހުންނެވެ. ފަސް ކުދިންގެ މަންމަ އަޒީޒާ ނިޔާވީ އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެެއްގައެވެ.

އާއިލާއިން ބުނިގޮތުގައި އަންހެންމީހާއަށް ދިނީ މެތޯޓްރިއެކްސޭޓް ކިިޔާ ބޭހެކެވެ. އެބޭސް ކެއުމަށް ބޭސް ސިޓީގައި ބުނެފައިވަނީ ފަސް މިލިގްރާމުގެ ދެ ގުޅަ ދުވާލަކު އެއް ފަހަރު ކެއުމަަށެވެ. އިރުޝާދު ދީފައިވަނީ ތިން ހަފްތާ ވަންދެން ބޭނުން ކުރުމަށެވެ.

"އަސްލު އެ ބޭސް އެންމެ ގިނަވެގެން ދޭން ޖެހެނީ 20-25 މިލިގްރާމް ހަފުތާއަކަށް. އެކަމަކު ޑޮކްޓަރު ދީފައި އިނީ ދުވާލަކަށް 10 މިލިގްރާމް ކާގޮތަށް، އެއީ ތިން ހަފުތާވަންދެން." އާއިލާ އިން ބުނެފައިވެއެވެ.

އަޒީޒާގެ ދަރިފުޅު އަހުމަދު ފާރިޝް (ޝުކުއްޓޭ) ބުނީ މަންމައަށް ދީފައިވާ ބޭހަކީ ކެންސަރުޖެހުމުން ކީމޯތެރެޕީއަށް ދޭ ބޭހެއް ކަމަށާއި މަންމަގެ އެކަހަލަ އެއްވެސް ކަމެއް ނެތި، އެހާ ބާރުގަދަ ބޭހެއް ދިނުމަކީ ޑޮކްޓަރުގެ އިހުމާލު އެކަމުގައި ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށެވެ. އަދި ބޭސް ކާންފެށުމުން އަނގައިގެ ތެރޭގައި ފާރު ހެދި، ފަހުން ހާލު ބޮޑުވެގެން މަންމަ މަރުވާން މެދުވެރިވީ އެ ބޭހުގެ ސަބަބުން އެތެރެހަށީގެ ގުނަވަންތައް ފެއިލްވެގެން ކަމަށް، ލިޔެސޮއިކޮށްފައި ވެސް ދީފާނެ ކަމަށް، އީކުއޭޓޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރަކު ބުނި ކަމަށް އަޒީޒާގެ ދަރިފުޅު ބުނެފައި ވެއެވެ.



"5 މިލިގްރާމުގެ 42 ގުޅަ ބޭސް (ދުވާލަކު ދެ ގުޅަ) ކާން ދިނުމުގެ ސަބަބުން ދެ ކިޑްނީ، ލިވަރ އަދި ބްލެޑަރގެ 99 އިންސައްތަ ހަލާކުވެ ފެއިލްވެގެން، މި ކަމުގައި އެ ޑޮކްޓަރަށް އެއިމްސް އިން ފިޔަވަޅު އަޅައިފައި ފުރުވާލިޔަސް، މަންމަ ދެން އަނބުރާ މި ދުނިޔެއަކަށް ނާންނާނެ. އެކަމަކުވެސް، މި ގޮތަށް މި ވާހަކަ މި ލިޔަނީ ދެންވެސް އިތުރު މީހެއްގެ ފުރާނައަށް ގެއްލުމެއް ވުމުގެ ކުރިން ޑޮކްޓަރު ބޭސް ސިޓީއެއް ދިނީމާ ބޭސް ފިހާރަ މީހުން ކުރެން ސުވާލުކޮށްފައި އެންމެންވެސް ބޭސް ބޭނުންކުރާށޭ." ޝުކުއްޓޭ ބުނެފައިވެއެެވެ.

އެމައްސަލައިގައި އަޒީޒާއަށް ބޭސް ދިން ޑޮކުޓަރު ސަސްޕެންޑްކޮށް އެއިމްސް ކްލިނިކުން މިހާރު ވަނީ މައްސަލަ ބަލަން ފަށާފައެެވެ. އެކަމުގައި ހެލްތު މިނިސްޓްރީއާއި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ސިޓީއެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެއިމްސްއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން