ރާއްޖޭގައި ކޮވިޑްޖެހޭ މާބަނޑު މީހުންގެ އަދަދު އިތުރުވަމުންދާތީ ވީހާވެސް އަވަހަކަށް މާބަނޑު މީހުން ވެކްސިން ޖެހުމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަހުމަދު ފައިސަލް މިރޭ އިލްތިމާސްކުރައްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، މާބަނޑު މީހުންނަށް ޖަހަމުންދާ ސިނޮފާމް ވެކްސިންގެ 68،000 ޑޯޒް އެބަހުރިކަމަށެވެ. އެހެންނަމަވެސް ވެކްސިން ހުރެ، މާބަނޑު މީހުން ވެކްސިން ނުޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ބަލިޖެހޭ މާބަނޑު މީހުންގެ ހާލު ބޮޑުވެ، މަންމަގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

މިހާރު ވެސް ކޮވިޑް ޖެހިގެން ދުވަސް ނުފުރާ ވިހާފައިވާ ދެ ކުއްޖަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާބަނޑު މީހާއަކީ 35 އަހަރުން މަތީގެ މީހަކަށް ވެފައި، މާބަނޑުވުމުގެ ކުރިން ހަކުރު ބަލި ނުވަތަ ހިތުގެ ބަލި ހުންނަ މީހަކަށް ކޯވިޑް ޖެހިއްޖެނަމަ ރިސްކު ވަރަށް ބޮޑު ކަމަށެވެ.

ކޮވިޑްގައި ނިޔާވާ މީހުންނާއި ބަލީގައި ހާލުބޮޑުވާ މީހުންގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން ގިނަ ކަން ފާހަގަކުރައްވައި ފައިސަލް ވަނީ މާބަނޑު މީހުންނަށްވެސް މިހާރު ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފައި އޮތްއިރު އޭގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ކުޑަކުދިން ބަލިން ސަލާމަތް ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭ އިން ބުނީ ވޭތުވެ ދިޔަ ސައްވީސް ގަޑިއިރު ތެރޭގައި އަލަށް 594 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ބެކްލޮގުގައި ހުރި ސާމްޕަލްތަކާއެކު މިދިޔަ 24 ގަޑިއިރުގެ ކޮވިޑުގެ ޖުމުލަ އަދަދު ވަނީ 1،433 އަށް އަރާފައެެވެ.

ރާއްޖޭގައި މިވަގުތު 16،977 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 268 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށް ވުރެ މައްޗަށް އަރާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން