ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށް ސަރުކާރުން ބިލެއް އެކުލަވާލައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިބިލު އެކުލަވާލާފައިވާއިރު، މިބިލު މިހާރު ވަނީ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވީ ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެކޮޅެއް ހަމަޖައްސަވައި، ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުއްވާފައި ވާނެކަމަށެވެ.



ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޚާއްސަ ބިލެއް އެކުލަވާލާފައިވަނީ ތަފާތުއެކި ޕްލެޓްފޯމްތަކުގައި ނަފްރަތު އުފެދޭ ވާހަތައް ދެއްކުމުގެ ސަބަނުން ވަކިވަކި ފަރުދުންގެ ސަލާމަތަށް ނުރައްކާވުމާއި ގުޅިގެނެވެ. އަދި އާންމު މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާގޮތަށް މުޖުތަމައުގައި އެކިހާދިސާތައް ހިނގަމުންދާތީ ކަމަށް ބުނެއެވެ.

ނަމަވެސް މިފަދަ ބިލަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ވަކި ބައެއްގެ އަޑު ކަނޑުވާލާ ކުށްވެރި ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެއް ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ. މީހަކު ވާހަކައެއް ދައްކައިގެން ނުވަތަ ލިއުމެއް ލިޔެގެން ނޫންނަމަ މީސް މީޑިއާގައި ކުރާ ޕޯސްޓަކުން ނަފުރަތު އުފެދޭ މިންވަރާއި އެ ނަފުރަތަކަށް ވާގޮތް ތަރުޖަމާކޮށް ޑިފައިން ކުރުމަކީ އެކި ހާލަތްތަކުގައި އެކި ގޮތަށް ބަޔަކަށް ކުރެވިދާނެ ކަމެއް ކަމަށް ވެސް އެފަދަ ފަރާތްތަކުން ގަބޫލުކުރެއެވެ. މަޝްހޫރު "އަބުރުގެ ގާނޫނު" ފަދަ ގާނޫނަކަށް މި ގާނޫނު މީޑިއާތަކަށް ނުވާނެ ބާވައޭ ބުނެ ބައެއް މީހުން ސުވާލު އުފައްދާފައިވެސް ވެއެވެ.

ސަލާމަތީ ބާރުތަކުންވެސް ވަނީ މުޖުތަމައުގެ ސަލާމަތަށާއި، އާންމު ފަރުދުންގެ ސަލާމަތަށް ނުރައްކާވާގޮތަށް ވާހަކަދައްކައި، އެފަދަ އަމަލު ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން