ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކޮންސްޓްރަކްޝަން މުއްދަތު ހަމަވެފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމަށް އަންނަ ޖޫންމަހުގެ 17ގެ ކުރިން ހުށަހަޅަން ޖެހޭގޮތަށް ގަވާއިދަށް އިސްލާޙެއް ގެނެސްފިއެވެ.

މި އިސްލާހު ގެނެސްފައިވަނީ ޓޫރިޒަމް މިނިސްޓްރީން މިހާރު ގެޒެޓްކޮށްފައިވާ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވައިދަށެވެ.

މި އިސްލާހުގައިވާ ގޮތުން، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވެފައިވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކުރުމަށާއި ކުއްޔާއި ގުޅިގެން އަރާފައިވާ ޖޫރިމަނާއަށް ލުއި ހޯދުމަށް އެދި އަންނަމަހުގެ 17 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްޤީ ކުރެވިފައިނުވާ ތަންތަނުގެ ކުއްޔާއި ގުޅިގެން އަރާފައިވާ ޖޫރިމަނާއަށް މި ގަވާއިދުގެ ދަށުން ލުއި ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކަކީ ޞައްޙަ ހުށަހެޅުންތަކެއް ކަމުގައި ބަލައިގަންނަންވާނެކަމަށް ގަވާއިދުގައި ބުނެއެވެ.



ޓޫރިޒަމް މިނިސްޓްރީން މިހާރު ގެޒެޓްކޮށްފައިވާ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ ގަވާއިދަކީ 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގަވާއިދެކެވެ.

މި ޤަވާއިދަކީ ޓުއަރިޒަމް ދާއިރާއަށް އެކި ފަރާތްތަކުން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓުތަކެއް ކަމަށްވާއިރު، ތަރައްޤީކޮށް ނިމިފައިނުވާ އެފަދަ ތަންތަން އަވަހަށް ތަރައްޤީކޮށް ނިންމުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަކީ މިގަވާއިދުގެ މައިގަނޑު މަގުޞަދު ކަމަށް ޓޫރިޒަމް މިނިސްޓަރީން ބުނެއެވެ. އަދި އެތަންތަން އަވަހަށް ނިންމުމަށް އެ ފަރާތްތަކަށް ހިތްވަރުދިނުމަކީވެސް މިފަދަ ގަވާޢިދެއްގެ މުހިންމު މަގުސަދެއް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން