ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
ސިޔާސީ ބަޔަކު ހެދި ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުން ނޫން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓްގައި އޭނާގެ ނަން ހިމަނާފައިވާތީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލައާ ސީދާ ގުޅުން ނެތް އެތައް ބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި އޭނާގެ ނަން އޮތުމަކީ ކުށްވެރިވުމެއް ނޫން ކަމަށާއި، އެއީ އެކަމުގައި ބައިވެރި ވުމެއްވެސް ނޫން ކަމަށެވެ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލައިގައި މަގާމުން ސަސްޕެންޑު ކުރުމަށް ފަހު، އަލުން މަސްއޫލިއްޔަތު ހަވާލުކުރީ ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން ކަމަށް މަޚުލޫފް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެ ދުވަހަކުވެސް ނުހުންނާނަން." މަޚުލޫފް ވިދާޅުވި އެވެ.

ދެހާސް ސާދަވަނަ އަހަރުގެ ފެބުރުއަރީ 26 ވަނަ ދުވަހުވެސް މަހުލޫފަށް ދެލައްކަ ރުފިޔާ ދީފައިވާ ކަމަށް އޮއިއްޓޭ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުގައި ބުނެފައެވެ. ހަމަ އެ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު މަހުލޫފަށް ފަސް ލައްކަ ރުފިޔާ ދީފައިވާއިރު އެކުޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއިން 33،000 ޑޮލަރު މަހުލޫފަށް ދިންކަމަށް އޮއިއްޓޭގެ ބަޔާނުން ވަނީ ހާމަވެފައެެވެ. އެހެންނަމަވެސް އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތްތަކެއްގެ ތެރެއިން ދީފައިވާ ޑޮލަރު ކަމަށާއި އެއަށް ވާ ފައިސާ ލިބިފައިވާ ކަމަށް އޮއިއްޓޭގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން މަޖިލިސް ކެމްޕޭނަށް އަދީބު މަޚުލޫފަށް ދެއްލައްކަ ރުފިޔާ ދިން ކަމަށް ވިދާޅުވެ، އޭނާ ވަނީ ރިޔާސީ ކޮމިޝަނަށް ބަޔާންދީފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި ނަން ހިމެނޭ ގިނަ ފަރާތްތަކަކުން މިހާރު ބުނަމުންދަނީ ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާކަމަށެވެ. އަދި މަޖިލީހުން ނެރެ އާންމުކުރި ލިސްޓުގައި ހިމެނޭ ގިނަ ނަންތަކަކީ އަދި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ހިމެނޭ ނަންތަކެއްކަން ފާހަގަކުރެވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ތިބި މީހުން ކުށްވެރިވާ ކަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ. މިނިސްޓަރު މަޚުލޫފްގެ މައްސަލަ އޮތީ ތަހުގީގު ނިމި ދައުވާ ކުރުމުގެ މަރުހަލާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން