ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 29 ވިީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުޞަތު ލިބޭ ގޮތަށް ނިޒާމެއް ޤާއިމުވެފައި އޮތުމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައިކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އިސްކަންދިނުމަށް ބާރުއަޅައި އެކަންވެސް ވަނީ މި ޤާނޫނުގައި ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން