ފަލަސްތީނުގެ ދިދަ އާއެކު ދިވެހިން އެކުވެރިކަމުގެ ނަމޫނާ މުޅި ދުނިޔެއަށް ދައްކައިދީފިއެވެ.

ފަލަސްތީނުގެ ދިދަ ވިހުރުވާލައި މުޅި ރާއްޖޭގެ ރައްޔިތުން ތިބީ މުސްލިމު އަޚުންނާއި އުޚުތުންނާއެކުކަން ސާބިތުކޮށްދީ ދިވެހި ރައްޔިތުން މިއަދު ވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. ދިވެހި ޒުވާނުންތަކެއްގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު ރައީސް ސޯލިހާއި ވަރަށް ގިނަ އަދަދެއްގެ އާންމުން ވެސް މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ. މިހަރާކާތުގައި ކުރީގެ ރައީސް، ރައީސް މައުމޫނާއި ރައީސް ވަހީދު ވެސް ބައިވެރިވެވަޑައިގެން ފަލަސްތީނު މިނިވަން ކުރުމަށް ވަނީ ގޮވާލައްވާފައެވެ. މާލޭގެ ގިނަ ގޭގޭގެ ބެލްކަނިތަކަށް ފަލަސްތީނުގެ ދިދަ އާއެކު ދިވެހި ކުދި ބޮޑު ގިނަ ބަޔަކު ނުކުމެ އެގައުމުގެ ދިދަ ވިހުރުވަމުން ދިޔައިރު މަގުތަކަށް ގިނަ ބަޔަކު ނުކުމެ ފަލަސްތީނާއި އެކުގައި ތިބިކަން ހާމަކޮށްފައިވެއެވެ.

މިހަރަކާތުގައި ދިވެހި ރާއްޖޭގެ ވަރަށް ގިނަ ކުޑަކުދިން ބައިވެރިވިކަން ވެސް ފާހަގަކޮށްލެވެއެވެ. ބައެއް ކުދިން ނުކުތީ އެކުދިން އަމިއްލައަށް ފަރުމާކޮށް އެކި ކަހަލަ ޝުޢޫރުތައް ލިޔެފައިވާ ވަރަށް އަސަރުން ފުރިގެންވާ އިބާރާތްތައް ހިމެނޭ ލިއުންތަކާވެސް އެކުގައެވެ. ގައުމާއި އާބާދީ ކިތަންމެ ކުޑަ ނަމަވެސް ދިވެހީން ދުނިޔޭގެ ލީޑަރިންނަށް މިއަދު ވަނީ އަޚުވަންތަ ކަމުގެ ނަމޫނާ ދައްކާފައެވެ.



ދިދައިގެ އިތުރުން ފަލަސްތީނުގެ ދިދައިގައި ހުންނަ ކުލަތަކުގެ ފުއްޕާހަމާއި ފޮތި ވެސް އެކި ގޭގެއާއި މަގުތަކުގައި ދަމާފައި ހުއްޓެވެ. މިހަރަކާތުންވެސް ފެނި ސާބިތުވެގެން ދިޔައީ ސިޔާސީ ގޮތުން ކިތަންމެ ޚިޔާލު ތަފާތު ވިޔަވެސް ދިވެހިންނަކީ މުސްލިމުންގެ ހައްގުގައި އެކުގައި އެއްބައިވަންތަ ކަމާއެކު އަޑުއުފުލާނެ ބައެއް ކަމެވެ. ކުޑައެއް ބޮޑެއް ނެތި، ހުރިހާ އެންމެންގެ ބައިވެރިވުމާ ވެސް އެކީގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ނިކުމެ މުޅި ދުނިޔެއަށް މި ދެއްކީ އެއްބައިވަންތަ ކަމުގެ ލާމަސީލު މިސާލެކެވެ.



ފަލަސްތީނުގެ ދިދަ އަމިއްލަ އަތުން ފަހައިގެންނާއި ގަނެގެން ވެސް މީހުން ބޭނުންކޮށް އެތައް ބަޔަކު މަގުތަކަށް ނުކުމެ ދިދަތައް ހިލޭ ބަހައި ހެދުމުން ދިވެހިންގެ ހިތުގައި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނާއި ތުއްތު ކުދީންނަށް އޮތް ލޯބި ވަރަށް ރަނގަޅަށް ވެސް މިއަދު ސާބިތުވެގެން ހިގައްޖެއެވެ. ދިވެހީން ޝޯޝަލް މީޑިޔާ ގެ ޕްލެޓްފޯމްތަށް ފުރާލައިފައިވަނީ ފަލަސްތީނުގެ ދިދަތަކުންނެވެ. އެގައުމުގެ ރައްޔިތުންނަށް ކުރާ ހެޔޮ ދުއާތަކުންނެވެ.

ބައެއް ފަރާތްތަކުން ފަލަސްތީނުގެ ދިދަ ވިއްކައިގެން، ލިބޭ ފައިސާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ހަދިޔާކުރަން ނިއްމުމަކީ ވެސް އެކަމުގެ އަލިގަދަ ދަލީލެކެވެ. އެމްއެންޑީއެފްގެ ބަންޑާރަކޮށީގެ އާ އިމާރާތުގައި ހުންނަ ބޮޑު ސްކްރީން ވެސް ވަނީ ފަލަސްތީނުގެ ދިދައަކުން ދިއްލާލައި ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަން މުޅި ދުނިޔެއަށް ދައްކައިދީފިއެވެ. މިއީ މިފަދަ ކަންކަމުގައި ގައުމީ ސަލާމަތީ ބާރުތަކުން ވެސް ދިވެހީންނާއެކު އެންމެކުރީގައި ނުކުންނާނެކަން ދައްކުވައިދިން ވަރަށް ފުރިހަމަ ނަމޫނާއެކެވެ.

ރާއްޖެ އޮތީ ފަލަސްތީނާއިއެކު ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވެސް ވަނީ އެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. ދިވެހިންގެ ހެޔޮ ދުއާ މިއަދު ވަނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކުކަން އަމަލާ ބަހުންވެސް މިވަނީ ސާބިތުކޮށްދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން