މާލޭގެ އެކި ސަރަހައްދުތަކުގައި ސިޓީ ކައުންސިލުން ގާއިމުކޮށްފައިވާ ޕާކިން ޒޯންތަކުގެ ތެރެއިން މިހާރު ޓެކްސީ ޑްރައިވަރުން ނަގާފައިވާ ޕާކިންގ ސްލޮޓްތަކުގެ ޕާކިން ފީގެ ގޮތުގައި ނަގަމުންދާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ނަގަމުންދަނީ އެންމެ އިންސާފުވެރި އަގުތަކެއްގައި ނޫން ކަމަށާއި، އެހެންކަމުން މިހާރު ފީގެ ގޮތުގައި ހަމަޖެހިފައިވާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިއްމައިފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ޕާކިން އޭރިއާތަކެއް ކަނޑައެޅިފައި ނެތުމާއި، މާލޭގެ މަގުތަކުގެ ފެންވަރަށް ބަލާއިރުވެސް، މިހާރު ޓެކްސީ ޑްރައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މިހާރު ޕާކިންއަށް ޑްރާފްޓް ކުރެވިފައިވާ ގަވާއިދު އަޅުގަނޑުމެން ބަލާފައި ވަރަށް އަވަހަށް ތަންފީޒުކުރަން އަޅުގަނޑުމެން ފަށާނަން، އޭރުން މިސާލަކަށް މީހަކަށް ވިއްކާފައި އޮންނަ ސޮލެޓެއްގައި އެހެންމީހަކު ޕާކް ކުރީމަ ދެން ވާނެ ގޮތެއް ނޭގޭ މިހާރު، ގަވާއިދު ތަންފީޒުކުރަން ފެށުމުން މިކަހަލަ ކަންކަން ހައްލުވެގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ޕާކިން މައްސަލައަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭނެ ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރަަށް ހުށައަޅަންޖެހޭ މުހިއްމު ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރަށްވެސް ހުށައަޅުއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ ޕާކިން މައްސަލަ ހައްލު ކުރުމަށް ރައްޔިތުންނާއި މަޝްވަރާކޮށްގެން އަޅުގަނޑުމެން އިމާރަތްކުރާނަން މަލްޓި ޔޫސް އިމާރަތްތަކެއް. ޕާކީން ފުލޯތަކެއް އެތަންތަނުގައި ހެދިގެން ދިޔައީމަ ޕާކް ކުރާނެ ޖާގަ ލިބިގެންދާނެ، އެހެންނަމަވެސް އެއީ ދުވަސްކޮޅެއް ނަގާނެ ކަމެއް. އިމާރަތްކުރުމާއި މިހުރިހާ ކަމަކަށް ވިސްނާއިރު އެކަމަށްދާއިމީ ހައްލު ލިބިގެންދާނެ، އެކަން ކުރެވެންދެން މިހާރު ހުރި ޖާގަތަކަކީ އެފޯޑަބަލް ތަންތަނަށް އެބަވާންޖެހޭ. މިނޫން އިތުރު ކަންތައްތައް ވެސް އެބަހުރި." ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން