ސަލްޓަންޕާކް
ސަލްޓަންޕާކް
މާލޭ ޕާކްތަކާއި މިސްކިތްތަކާއި މާރުކޭޓްތަކުގެ ހާލަތު ބެލުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލުން ފަށައިފިއެވެ.

އިއްޔެ ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ހާލަތު ބެލުމުގެ މަސައްކަތްތައް ވެސް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން، ޕާކްތަކާއި މިސްކިތްތަކާއި މާރުކޭޓްތަކުގެ ހާލަތު ބަލާނެ ކަމަށާއި، ޕާކްތަކުގެ ހާލަތު ބަލައި ތަފްސީލީ ރިޕޯޓެއް ހަދަން ހަވާލުކޮށްފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. މާލޭގެ އަނދިރި މަގުތައް ބެލުމަށް ވެސް އަންގާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މިސްކިތްތަކާއި މާރުކޭޓްތަކުގެ ހާލަތު ބެލުމަށް މިއަދު އެތަންތަނަށް ޒިޔާރަތްކުރާނެ ކަމަށެވެ.

މީގެ އިތުރުން ބޮޑެތި މަސައްކަތްތަކެއް، ސިޓީ ކައުންސިލުން ކުރަން ތައްޔާރުވެފައިވާއިރު ކައުންސިލްގެ އިދާރީ އޮނިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް މިހާރު ވަނީ ގެނެސްފައެވެ. އެގޮތުން، ކައުންސިލްގެ މަސައްކަތްތައް އެކި ކައުންސިލަރުންގެ މެދުގައި ބަހާލައި، ކޮމިޓީތަކެއް ވަނީ އެކުލަވާލާފަ އެވެ.

މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭ ސިޓީކައުންސިލު ހިންގުމަށް ހަ ޑިޕާޓްމެންޓް އުފައްދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މުނިސިޕަލް ހުރިހާ ހިދުމަތެއްދޭ ޑިޕާޓްމެންޓެއް ވިލިމާލެއާއި ހުޅުމާލޭގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހުޅުމާލޭގައި ގާއިމްކުރާ ޑިޕާޓްމެންޓަށް އެޗްޑީސީން ދެމުންގެންދާ ހިދުމަތްތައް ބަދަލު ކުރުމަށް ވެސް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ހަވާލުކުރި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަވަސް މިނުގައި ރައްޔިތުންނަށް ފުއްދައިދޭން." ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވަނީ މާލެ ސިޓީ ފެހިކުރުމަށް އެއްލައްކަ ގަސް އިންދުމުގެ ޕްރޮގުރާމެއް ފެށުމަށް ނިންމާފައިވާ ކަން އިއުލާންކުރައްވާފައެެވެ. މިމަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީމަހުއެވެ.

"2023 ވަނަ އަހަރު ފެށޭއިރު މާލޭގައި ހުންނާނެ އެއްލައްކަ ހިތްގައިމު ގަސް އިންދިފައި،" މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން