އީސަ މަޖިލީހުގައި ވާހަކަ ދައްކަވަނީ
އީސަ މަޖިލީހުގައި ވާހަކަ ދައްކަވަނީ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ކުރީގެ އަނބިކަބަލުންނަށް ގެވެށި އަނިޔާ ކުރި މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބުދު ﷲ ނަވާޒް ގޮވާލައްވައިފިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެމައްސަލަ ހުށަހަޅާފައިވަނީ އޭނާގެ އަނބިކަނބަލުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމު ކަމަށް އެނގިފައި ވެއެވެ.



އެކަމާ ގުޅިގެން ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބުދު ﷲ ނަވާޒް ވިދާޅުވީ، އީސަ އޭނާގެ އަންހެނުންނަށް އަނިޔާކޮށް އެއްއަހަރާއި ނުވަ މަހުގެ ދަރިފުޅު ބެލްކަނިން އެއްލާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އަދި އެކަން ހުއްޓުވަން މަސައްކަތް ކުރި އަނބިކަބަލުންގެ އަތަށް އަނިޔާ ލިބިފައިވާ ކަމަަށެވެ. އެކަމާ ގުޅިގެން މިހާރުން މިހާރަށް އީސަ ހައްޔަރުކުރަންޖެހޭ ކަމަށް ނަވާޒް ވިދާޅުވިއެވެ.

އީސަ އަނިޔާކުރުމުން ކުރީގެ އަނބިކަބަލުން އަސްރާ އަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުން ވަނީ ފަރުވާވެސް ހޯދާފައެވެ. އަސްރާ ވަނީ އީސައާއި ދެކޮޅަށް ފުލުހުންނަށް ބަޔާންދީފައެވެ. ބައެއް ފަރާތްތަކުން ވަނީ އީސަ އެ އަމަލު ހިންގަވާފައިވަނީ މަސްތުގެ ހާލަތުގައި ހުންނަވައިގެން ކަން ތުހުމަތުކޮށްފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އީސަގެ މި އަމަލާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާއަށާއި ސަރުކާރަށާއި އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެފަދަ ފަރާތްތަކުން ފާޑުކިޔާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ކުރާ އެފަދަ އަމަލުތަކާ ގުޅޭ މައްސަލަތައް ނުބެލޭ ކަމަށް ބުނެއެވެ. އެގޮތުން މިފަހުން ހިނގާފައިވާ އެފަދަ މައްސަލަތަކުގެ ތެރެއިން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި މަޝްހޫރު ސަފާރީ ރޭޕް ކޭސް މައްސަލައާއި ދާދިފަހުން ފެނަކައިގެ އިސް ވެރިއެއްްގެ މިފަދަ އަމަލުތަކުގެ ވާހަކަ ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ.

އީސަގެ މިއަމަލާއި ގުޅިގެން އާންމުން މީސްމީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކުގައި ޑިމޮކްރެސީއާއި އިންސާނިއްޔަތަށް އެންމެ ބޮޑަށް ވަކާލާތު ކުރާކަމަށް ދައުވާ ކުރާ އެމްޑީޕީން އީސަގެ މިއަމަލާއި މެދު އަޅާނެ ފިޔަވަޅާކާއިމެދު އަދި ވެސް ގޮތް ނިންމާފައި ނުވާތީ އެކަމާމެދު ސުވާލުކޮށްފައި ވެއެވެ. އަދި އާންމުންގެ އެފަދަ ޓްވީޓްތައް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ރީޓްވީޓްކޮށް އެ ވާހަކަތަކަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން