ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސެކިއުރިޓީ ދެއްވަމުން ގެންދަވާ އެމްއެންޑީއެފަށް، ރައީސް ނަޝީދުގެ ބޮޑުދައިތާފުޅު ޒުހައިރާ އުމަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޒުހައިރާއަކީ ރައީސް ނަޝީދުގެ ބައްޕާފުޅު ކެރަފާ އަބްދުއްސައްތާރުގެ ކޮއްކޯފުޅުގެ އިތުރުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ މަންމާފުޅެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއަށްފަހު ޒުހައިރާ ދަނީ ޓްވިޓަރގައި އެކަމަނާގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހިއްސާކުރައްވަމުންނެވެ.

ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، އެތަނުން ފިސްތޯލައެއް ފެނުމުން އެކަމާއި ގުޅިގެން ޒުހައިރާ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަންވެސް އޮއްބާލަން އުޅޭކަމަށް ތުހުމަތުކޮށްފައެވެ. އަދި ދުރުދުރުން ނޫޅެ ކުރާކަމެއް ފާޅުގައި ކުރުމަށް ވެސް ޒުހައިރާ ވިދާޅުވިއެވެ.



ޒުހައިރާ ވިދާޅުވީ، ރައީސް ނަޝީދަށް ހައި ސެކިއުރިޓީ ދިނުމުގެ ބަދަލުގައި އެމްއެންޑީއެފުން އެހެން ކަމަކާއި އުޅުން މާރަނގަޅުނެކަމަށެވެ.

"ތިޔަ ހައި ސެކިއުރިޓީ ރިހާކުރުފުޅިއަށް ދެއްވާ. އަޅުގަނޑުގެ ދަރިފުޅަށް ތިޔަ ދެއްވަން ނުހައްދަވާ." ރައީސް ނަޝީދުގެ ބޮޑުދައިތާފުޅު ޒުހައިރާ ވިދާޅުވިއެވެ.



ޒުހައިރާއަކީ ޓްވިޓަރގައި ތަފާތު ޝުއޫރުތަކާއި ކަންބޮޑުވުންތައް ފާޅުކުރަށްވަމުން ގެންދަވާއިރު، ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް މައުމޫން ގުޅުއްވި ދުވަހުވެސް ޒުހައިރާ ވަނީ ތަފާތު ޓްވީޓެއް ކުރައްވާފަ އެވެ. އެދުވަހުގެ ޓްވީޓްގައި ޒުހައިރާ ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް މައުމޫނު ގުޅުއްވީ ރައީސް ނަޝީދުގެ ބައްޕާފުޅަށް ކަމަށެވެ.

"ހަޔާތުގެ ކަންފުޅެއްވެސް ނެތް، ދަރިފުޅަށް ކުރި އަނިޔާ އެ ބައްޕަގެ ހިތުން ފިލާނެތަ." ޒުހައިރާ ވިދާޅުވެފައިވެއެވެ.





ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަން އޭޑީކޭގައި އެޑްމިޓް ކޮށްފައިވަނިކޮށް އޭޑީކޭގެ ފާހާނާތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. މިއީ މީގެ ކުރިން ސަލާމަތީ ބާރުތަކުން އަދި ހިއްސާކޮށްފައި ނުވާ އާ ވާހަކައެކެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އިތުރު މަޢުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭގެ ފާޚާނާ ތެރެއިން ފިސްތޯލައެއް ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާތީ އެކަން ނޫސްވެރިޔަކު ވަނީ ފާހަގަ ކޮށްފައެވެ. އެކަމާ ގުޅިގެން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ މިއަދު ނޫސް ކޮންފަރެންސަށް ވަޑައިގެންނެވިއިރު އެ މައްސަލައާ ގުޅޭ މައުލޫމާތެއް ގެންނެވިފައިނުވާ ކަމަށެވެ. އަދި ފުލުހުން މީޑިޔާ ޑިޕާޓުމެންޓު މެދުވެރިކުރައްވައި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ފިސްތޯލައެއް ބޭނުންކޮށްގެން އަވަހާރަކޮށްލަން އުޅުނުކަން ފުލުހުން އިސްވެ މީގެކުރިން ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަން މިހާތަނަށް ވެސް ސިއްރުކޮށްފައި އޮތީ ކީއްވެގެން ކަމެއް ވެސް މިއަދު ހާމަކޮށްފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި މައްސަލައާއި ގުޅުންހުރި އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު 4 އަށް ވަނީ އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު