ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވެ، ކޮންޓެކްޓުން އިންތިހާއަށް އިތުރުވެފައިވާތީ ހަމައެކަނި ހައި ރިސްކް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާގޮތަށް ނިއްމައިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން އާމިނަތު އަރޫޝާ ވިދާޅުވީ މާލެ ސަރަހައްދުގައި އިންތިހާއަށް ކޮންޓެކްޓް އިތުރުވެފައިވާތީ ހަމައެކަނި ހައިރިސްކް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާގޮތަށް މިހާރު ނިއްމައިފައިވާ ކަމަށެވެ. އަދި އުސޫލަށް ބަދަލު ގެނައީ ހައި ރިސްކް މީހުން އަވަހަށް ދެނެގަނެ، އެމީހުންނަށް ބޭނުންވާ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަރޫޝާ ވިދާޅުވީ ހައިރިސްކް ކެޓަގަރީގެ ގޮތުގައި ބަލަނީ 60 އަހަރުން މަތީގެ މީހުންނާއި އެއްއަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން އަދި ނޭވާލުމުގެ ނިޒާމްގެ އުދަނގޫ ހުންނަ މީހުންގެ ތެރެއިން އަލާމަތް ފެންނަ މީހުން ކަމަށެވެ.

މީގެ އިތުރުން އަރޫޝާ ވިދާޅުވީ އެގޮތަށް ނިއްމީ ހުރިހާ ކޮންޓެކްޓުން ދެނެގަތުމަށް ގިނަ ވަގުތު ނެގުމާއި ހައިރިސްކް މީހުން ދެނެގަނެ އެމީހުންނަށް ހިދުމަތް ފޯރުކޮށްދޭން ލަސްވާތީ ކަމަށެވެ. އަދި މި ގޮތަށް އަމަލު ކުރަމުންދާނީ ހަމައެކަނި މާލޭގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 50،802 އަށް އަރާފައެވެ. މިހާރު ރާއްޖޭގެ އެކްޓިވް ކޭސްގެ އަދަދު 20،276 އަށް އަރާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން