ފަލަސްޠީނާއި އަލްޤުދުސުގެ މައްސަލައަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

އިސްރާއިލުގެ އަނިޔާވެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި، މިއަދުގެ ހުކުރު ހުތުބާގައި ވަނީ ފަލަސްތީނަކީ އިސްލާމީ އުއްމަތުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، އެކަމަށް އަލިއަޅުވާލާފައެވެ. މިގޮތުން އަލްމަސްޖިދުލް އަޤްޞާ ބިނާ ކުރެވުނީ އާދަމު އަލަހިއްސަލާމްގެ ޒަމާނުގައިކަމަށާއި އަދި އަލްމަސްޖިދުލް ޙަރާމު ބިނާކުރުމާއި އަލްމަސްޖިދުލް އަޤްޞާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައި ވަނީ 40 އަހަރުކަމަށް އިލްމުވެރިންގެ ބަސްފުޅުން އެނގޭއިރު، މިބަސްފުޅުން ﷲގެ ރިސާލަތާއި މިދެ މިސްކިތާ ހުރި ގުޅުން، ވަރަށް ރަނގަޅަށް އެނގޭކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެބިމުގެ މާތްކަން ބަޔާންކުރައްވައި ހުތުބާގައި ބުނީ އިބްރާހީމުގެފާނާއި ލޫޠުގެފާނު ފަލަސްޠީނުގައި ﷲގެ ދީނަށް ގޮވާލައްވައި، ތައުޙީދުގެ ދިދަ އެބިމުގައި އުފުއްލެވިކަމަށާއި އިބްރާހީމުގެފާނުގެ ދެ ދަރިކަލުން އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު އުފަންވެ ވަޑައިގަތުމުގެ އިތުރުން، ޔަޢުޤޫބުގެފާނާއި ޔޫސުފްގެފާނު ދުނިޔެއަށް ވަޑައިގަތީ ވެސް ހަމަ އެ ބިމުގައިކަމަށެވެ. އަދި ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު އިލާހީ މަންހަޖުގެ މަތީގައި، މި ބިމުގައި، ތައުޙީދުގެ ރަސްކަމެއް ޤާއިމު ކުރެއްވިކަންވެސް މިއަދުގެ ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"މާތް ﷲ ޒަކަރިއްޔާގެފާނުގެ ދުޢާފުޅު އިޖާބަ ކުރައްވައި، ޔަޙުޔާގެފާނު ދެއްވީ މި ބިމުގަ. ޢީސާގެފާނު ރައްކައުވެ، ޅަފަތުގައި، މީހުންނާ ވާހަކަފުޅު ދެއްކެވީ މި ބިމުގަ. އަޅުގަނޑުމެންގެ މާތް ރަސޫލާ އަލްމަސްޖިދުލް ޙަރާމުން، އިސްރާގެ ދަތުރުފުޅު ކުރެއްވީ މި ބިމަށް. އެކަލޭގެފާނު ނަބީބޭކަލުންނާއެކު، އިމާމުވެވަޑައިގެން ނަމާދު ކުރެއްވީ މި ޙަރަމްފުޅުގައި. އެއަށްފަހު މިޢުރާޖު ދަތުރުފުޅު ފެށްޓެވީ މި މާތް ޙަރަމް ފުޅުން." ހުތުބާގައިވެއެވެ.

ހުތުބާގައި ގުދުސްގެ މައްސަލަ އިސްލާމީ އުއްމަތަށް މުހިއްމުވާ ސަބަބުތައްވެސް ބަޔާންކޮށްދީފައިވެއެވެ.



"އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ. މުސްލިމުންގެ އެންމެ މުޤައްދަސް ތިން ޙަރަމްފުޅުގެ ތެރެއިން އެއް ޙަރަމްފުޅު. ދަތުރުހަދައިގެން ދިޔުމަށް އަންގަވާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް." ހުތުބާގައިވެއެވެ.

ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުން ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ކުރިން ފަލަސްޠީނު މިނިވަންކުރެއްވުމަށް އުސާމަތު ބުނު ޒައިދުގެފާނުގެ ވެރިކަމުގައި ލަޝްކަރެއް އެކުލަވާލެއްވިއެވެ. ނަމަވެސް ފަލަސްޠީނު މިނިވަންކުރެވުނީ ޢުމަރުގެފާނުގެ ދައުރުގައެވެ. އެ ކަލޭގެފާނުގެ ޚިލާފަތުގައި ޤުދުސް މިނިވަންވެ، އެ ރަށުގެ ތަޅުދަނޑި ޢުމަރު ބުނުލް ޚައްތާބުގެ އަތްޕުޅަށް އެރިއެވެ. އެއީ ރޯމަނުންގެ އަނިޔާވެރިކަމާއި، އަޅުވެތިކަމުގެ ދަށުގައި، މި ބިން އޮންނަތާ 700 އަހަރު ފަހުންނެވެ.

ރަސޫލާވެސް ވަނީ މުސްލިމުން ބައިތުލް މަޤްދިސް ފަތަޙަ ކުރާނެކަމުގެ ހެޔޮ ޚަބަރު ދެއްވައި ކަމަށް ޚުޠުބާގައި ވެއެވެ.

"ޤިޔާމަތުގެ 6 ޢަލާމަތެއް ވޭ. އޭގެތެރޭގައި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމާއި، ބައިތުލް މަޤްދިސް ފަތަޙަ ކުރުން." އެކަލޭގެފާނުގެ ޙަދީސް ފުޅަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނެފައި ވެއެވެ.



ހުތުބާގައި ގުދުސްފެ ތާރީހަށްވެސް ވަނީ ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ. އެގޮތުން 1099 ވަނަ އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހު ސަލީބީންގެ ގުދުސް ހިފިއިރު، އަމާން ދީފައިވާ މުސްލިމުންގެ 70 ހާސް ފިރިހެނުންނާއި އަންހެނުންނާއި، ކުޑަކުދިން ކަތިލި ކަމަށާއި ޖުލައި 14 ވަނަ ދުވަހު ޞަލީބީންގެ ސިފައިންގެ ވެރިޔާ ރީމޯންޑު، އަލްމަސްޖިދުލް އަޤްޞާގެ ގޯތިތެރެއަށް ޝަހީދުކޮށްލާފައިވާ މުސްލިމުންގެ ހަށިތައް މަތީ ހިނގައިފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.

"އެމީހުން ޤުދުސްގެ މިސްކިތްތަކުގައި ބަންގި ގޮވުން މަނާކުރި. ނަމަވެސް މުސްލިމުންގެ ހިތްވަރުގަދަ ބަޠަލު ޞަލާހުއްދީނުލް އައްޔޫބީ 1187 ވަނަ އަހަރު، ޤުދުސް ފަތަޙަ ކުރެއްވި. އެއަށް ފަހު ޔަހޫދީންނާ މެދު ޢަމަލު ކުރެއްވީ އިސްލާމް ދީނުގެ އުޞޫލުތަކުގައިވާ މަތިވެރި އިންސާނީ ޙައްޤުތަކާ އެއްގޮތަށް، ނުހަނު އޯގާވެރިކަމާ އެކުގައި. އަދި ޞަލީބީން ޤުދުސުން ބޭރުކޮށްފައިވާ ޔަހޫދީން ޤުދުސަށް އަނބުރާ ގެންނެވި." ޚުޠުބާގައި ވެއެވެ.

ހުތުބާގައި ބުނީ ޤުދްސްގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީންކަމަށެވެ. އަދި ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 3500 އަހަރު ކުރިން ފެށިގެން ޢަރަބިން މިބިމުގައި އުޅެމުން ދަނިކޮށް، ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި، ޔަހޫދާ ދަރިކޮޅުގެ މީހުން މިބިމަށް އައިސް ބަނޑަހަ ޖެހިކަމަށް ޚުޠުބާގައި ވެއެވެ. އަދި މި ބިމުގައި ދާވޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި، މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދިޔަކަމަށާއި އެއީ މި މާތް ޙަރަމްފުޅު ނެތިކޮށްލުމުގެ ނުބައި މަޤްޞަދުގައި، ބައިނަލްއަޤްވާމީ ހުރިހާ ޤަރާރުތަކަކަށް ގޮންޖަހަމުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ވެސް ޚިޠުބާފައި ވެއެވެ.

"އެއްވަނަ ބޮޑު ހަނގުރާމައަށްފަހު، ފަލަސްޠީނު އިނގިރޭސިންގެ ދަށަށް ދިޔައީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، އެކުވެރިކަން ނެތުމުގެ ސަބަބުންނެވެ. ދެން ޔަހޫދީންގެ ޙީލަތްތެރިކަމުން، ފަލަސްޠީނުގައި އެމީހުންގެ ވަޠަނެއް އުފެއްދުމަށް އެހީތެރިވުމުގެ ވަޢުދެއް އިނގިރޭސީންގެ އަތުން ހޯދިއެވެ. މި ވަޢުދާ ވިދިގެން ދުނިޔޭގެ އެތަންމިތާނގައި އުޅުނު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގެންގޮސް ވަޒަންވެރި ކުރުވިއެވެ. ދެން އިނގިރޭސީންނާއި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ހަތިޔާރާއި ތަމްރީނު ހޯދައި، ޔަހޫދީން ފަލަސްޠީނުގެ ބިމަށް ވެރިވެގަތީއެވެ." ޚުޠުބާގައި ވެއެވެ.

"1967ވަނަ އަހަރުގެ ޖޫންމަހު އަރަބިންނާ އިސްރާއީލާ ދެމެދު ހިނގި 6 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ވަނީ، އިރުމަތީ ޤުދުސް ހިފައިފައެވެ. ބައިނަލް އަޤްވާމީ މުޖްތަމަޢު މިކަމާ ދެކޮޅުހަދަމުންދާ އިރުވެސް އިސްރާއީލުން ބުނަމުންދަނީ އެއީ ހިފާފައިވާ ބިމެއް ނޫން ކަމަށެވެ. އެއީ އިސްރާއީލާ ވަކި ނުކުރެވޭނެ ބިމެއް ކަމަށެވެ. 1980 ވަނަ އަހަރު އިސްރާއީލުން ވަނީ، އެ މީހުންގެ ވެރިރަށަކީ ޤުދުސް ކަމުގައި ހަދައިފައެވެ. އދ ގެ ޢާއްމު މަޖިލީހުން އެތައް ފަހަރަކު މިކަން ކުށްވެރިކޮށްފައި ވިޔަސް، އެމެރިކާގެ ނުފޫޛުގެ ސަބަބުން އިސްރާއިލާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ދުނިޔެ ވަނީ ނުކުޅެދިފައެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.

ފަލަސްޠީނު މީހުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ، ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށާއި ތަފާތު ސިފަސިފައިގައި އެމީހުން މި ހަނގުރާމަ ކުރަމުންދާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. މީގެ ތެރޭގައި ނަމާދަށް ނުދެވޭ ގޮތަށް ފަލަސްޠީނުގެ މިސްކިތްތައް ޙިޞާރުކުރުމާއި، އެ މީހުން ބަނޑަށް ޖައްސައި، ކަނު އަނދިރީގައި ބައިތިއްބުމާއި، ސާފު ބޯފެނާއި ފާޚާނާ ކުރެވޭނެ ވަސީލަތްތައް ހަލާކުކޮށް، މުވާޞަލާތީ ވަސީލަތްތަކާއި އަސާސީ ޚިދްމަތްތަކުން މަޙްރޫމު ކުރުމާއި، ޖަމާޢީ އަދަބުތައް ތަންފީޛު ކުރުން ހިމެނޭ ކަމަށް ވެސް ޚުޠުބާގައި ވެއެވެ.

"ޔަހޫދީން 1967ވަނަ އަހަރު، ޤުދްސާ ހިފައި، އަލްމަސްޖިދުލް އަޤްޞާ އަންދައިލުމުން، އިސްރާއީލުގެ އޭރުގެ ދިފާޢީ ވަޒީރު މޫޝޭ ދައްޔާނާ މުޚާޠަބުކޮށް، ނޫސްވެރިޔަކު ބުންޏެވެ. މުސްލިމުން ދެކޭގޮތުގައި ކީރިތި ޤުރްއާނުގައިވާ ފަދައިން އަލްމަސްޖިދުލް އަޤްޞާއަށް އެމީހުން ދެވަނަ ފަހަރަށް ވަންނާނެތެވެ." މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.

ޖަވާބުގައި މޫޝޭ ދައްޔާން ބުނީ، "ހާސް ނުވާށެވެ! މިޖީލުގެ މުސްލިމުންނެއް ނުވަންނާނެތެވެ. އެކަން ވާނީ ހުކުރު ނަމާދަށް މުސްލިމުން ދާ ޢަދަދަށް އެބައިމީހުން ފަތިސް ނަމާދަށް ދާން ފަށާ ދުވަހަކުންނެވެ."

"އެހެންކަމުން މިއަދު އިސްލާމީ އުއްމަތް ނިކަމެތިވަމުންދަނީ ކީއްވެގެންކަން ވަރަށް ސާފެވެ. އިމާންތެރިކަމާއި އަޤީދާ ވަރުގަދަކޮށްގެން، މުސްލިމުން އެއްބައިވަންތަ ވެގެން ނޫނީ ޔަހޫދީންނާއި ކާފަރުންގެ މައްޗަށް ކުރި ނުހޯދޭނެކަން ތާރީހުން ވަނީ ހާމަކޮށްދީފައެވެ." ޚުޠުބާގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން