ކޮވިޑަށް ޕޮޒިޓިވްވާ މީހާއާއި ކޮންޓެކްޓްވާ މީހާއަށް ދޭންޖެހޭ ލީގަލް ޑޮކިއުމަންޓް ލިބުން ލަސްވެ މީހުންގެ ފުރާނައަށް ނުރައްކާވެ، ބައެއްގެ ވަޒީފާ ގެއްލިފައި އެބަހުރި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން އާމިނަތު އަރޫޝާ ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ކޮންޓެކްޓްވެސް އިންތިހާއަށް ގިނަވަމުންދާތީ ކަރަންޓީނު ކުރާ ލީގަލް ޑޮކިއުމަންޓް ދިނުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މީހުންގެ ފުރާނަ އަށް ނުރައްކާވެ، ބައެއް މީހުންގެ ވަޒީފާ ގެއްލިފައި އެބަހުރި ކަމަށެވެ. ޕޮޒިޓިވްވެފައިވާ މީހުންނަށް ގުޅައި ކޮންޓެކްޓުން ދެނެގަތުމަށް ވަރަށް ބޮޑު ލަސްވުމެއް އައިސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ދޫކުރަންޖެހޭ ލީގަލް ޑޮކިއުމަންޓް ދިނުން ލަސްވެފައިވާ ކަމަށް އަރޫޝާ ވިދާޅުވިއެވެ. ކަރަންޓީނު ކުރާ ލީގަލް ޑޮކިއުމަންޓް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަރޫޝާ ވިދާޅުވިއެވެ.

" ޑޮކިއުމަންޓް ލިބުން ލަސްވެ މީހުންގެ ވަޒީފާ ގެއްލުމުގެ އިތުރުން ބައެއް ފަރާތްތަކުގެ ފުރާނަައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައި އެބަހުރި، އެހެންކަމުން މި ޕްރޮސެސް އަވަސް ކުރުމަށް އަޅުގަނޑުމެން މި އުސޫލަށް ގެނައި ބަދަލުތަކެއް މި ގެނައީ، ކުރިއަށް އޮތްތާގައި ހަމައެކަނި މި ލިމިޓްކޮށްލީ ހަމައެކަނި ހައިރިސްކް ކޮންޓެކްޓުންނަށް އޭރުން އެބޭފުޅުންނަށް ވީހާވެސް އަވަހަކަށް ހިސާބަށް ވާސިލުވެވި އެ ބޭނުންވާ ޑޮކިއުމަންޓް ދީ އިތުރު ޚިދުމަތްތަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި." އަރޫޝާ ވިދާޅުވިއެވެ.

މީގެ އިތުރުން އަރޫޝާ ވިދާޅުވީ ޕޮޒިޓިވް މީހަކާ ދިމާވެފައިވާކަން އެނގޭ ހިސާބުން އެކަން 1676 އަށް ގުޅައި އެޗްޕީއޭ އަށް އެންގޭނެ ކަމަށެވެ. އަދި މެއިލް މެދުވެރިކޮށްވެސް އެކަން އެންގޭނެ ކަމަށާއި، އޭރުން ލަސްނުކޮށް ޑޮކިއުމަންޓް ފޯރުކޮށްދެމުންދާނެ ކަމަށް އަރޫޝާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް އިތުރުވެ، ކޮންޓެކްޓުން އިންތިހާއަށް އިތުރުވެފައިވާތީ، ހަމައެކަނި ހައި ރިސްކް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާގޮތަށް އުސޫލަށް މިހާރު ވަނީ ބަދަލުގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން