އިތުރު ސަބަބުތަކަކާއި ނުލައި ހަމައެކަނި ޖިނާޢީ ތަހުޤީޤެއްގެ ބޭނުމަށް މީހަކު ހައްޔަރުކުރުމަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަންނަ ކަމެއް ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިގޮތަށް ވިދާޅުވީ ޝަމީމްގެ ބްލޮގްގައި މީހުން ހައްޔަރުކުރުމާއި ޖިނާއީ ތަހުޤީޤް ހިންގުމާއި ގުޅޭގޮތުން ލިޔުއްވި ލިޔުއްވުމެއްގައެވެ.

ޝަމީމްގެ މިހެން ވިދާޅުވެފައި މިވަނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތު އެޅިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކޮށްފައި ނުވާތީ، އެކަމާއި ގުޅިގެން ގިނަ ބަޔަކު ސުވާލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޝަމީމްގެ ބްލޮގްގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން ހައްޔަރުކުރުމުގެ އުސޫލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އެގޮތުން މީހުން ބަންދުކުރުމުގެ އުސޫލު ކުރިން އޮތް ގޮތާއި، އެ އުސޫލަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ޝަމީމުގެ ލިޔުއްވުމުގައި ބައްލަވާލައްވާފައި ވެއެވެ.

ޝަމީމް ވިދާޅުވީ، ޖިނާއީ ޢަދުލުގެ ނިޒާމު ނުވަތަ ކްރިމިނަލް ޖަސްޓިސް ސިސްޓަމަކީ، މީހަކު ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެމީހަކާމެދު ފިޔަވަޅު އަޅާ ނިޒާމުކަމަށެވެ. އަދި މިނިޒާމުގެ ތެރޭގައި ހިމެނެނީ، މީހަކު ކުށެއް ކުރާކަމަށް ތުހުމަތުވާ ވަގުތުން ފެށިގެން، އެމީހާގެ މައްޗަށް ތަޙްޤީޤު ހިންގާ، ދަޢުވާކޮށް، ޝަރީޢަތް ހިންގާ، ޝަރީޢަތުން ކުރާ ޙުކުމް ތަންފީޒުކުރުމާ ހަމައަށް ހިނގާ ހުރިހާ ކަމެކެވެ. މިހުރިހާ މަރްޙަލާތަކެއްގައި ކަން ކުރާނެ ގޮތާބެހޭ ގޮތުން ޤާނޫނު ހަދާފައި އެބަހުރި ކަމަށް ޝަމީމު ވިދާޅުވިއެވެ.

"މީހަކު ކުށެއް ކުރިކަމަށް ތުހުމަތު ކުރެވުމާއެކު، އެންމެ ފުރަތަމަ ފަށަނީ އެމައްސަލައެއްގެ ޖިނާއީ ތަޙްޤީޤެވެ. ޢާންމު ގޮތެއްގައި މިކަން ކުރަނީ ފުލުހުން. ޚާއްޞަ ބައެއް މައްސަލަތަކުގައި ހިޔުމަން ރައިޓްސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށާއި، ސިފައިންނަށް އެބާރު ލިބެއެވެ. އެކި އިދާރާތަކުން ޖިނާއީ މައްސަލަ ތަޙްޤީޤު ކުރިނަމަވެސް، މީހަކު ހައްޔަރުކުރުމުގެ ބާރެއް، ފުލުހުން (ވަރަށް ޚާއްޞަ ޙާލަތުތަކުގައި ސިފައިންނަށް) ފިޔަވައި އެހެން ބަޔަކަށް ނުލިބެއެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވީ ކުރީގެ ނޫ ގާނޫނުއަސާސީ އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ މުޠްލަޤު ބާރު ފުލުހުންނަށް ލިބޭކަމަށެވެ. އެއަށްފަހު، ތަޙްޤީޤުކުރާ އިދާރާގައި އޮންނަ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 3 މެމްބަރުންގެ ކޮމިޓީއަށް ހުށަހަޅައިގެން އިތުރު 15 ދުވަހަށް (ޖުމްލަ 23 ދުވަހަށް) ބަންދު އިތުރުކުރާކަމަށާއި މިކަމަށް އޭރު ގެންގުޅޭ ފޮތަށް ކިޔަނީ "ކޮމިޓީއަށް ދަންނަވާ" ފޮތްކަމަށް ޝަމީމް ވިދާޅުވިއެވެ.

"ކޮމިޓީން ދެއްވާ 23 ދުވަސް ނިމުމުން، ރައީސް ޢައްޔަންކުރާ ފަނޑިޔާރަށް ލިޔުންތައް ފޮނުވައިގެން، އިތުރު 30 ދުވަސް (ޖުމްލަ 53 ދުވަހަށް) ޖެހެއެވެ. 30 ދުވަސް ހަމަވުމުން، "ވާނުވާ" (ޝަރީޢަތް ނިމެންދެން ބަންދު) ވެސް ޖެހެއެވެ." އޭރު ކަންކަން އޮންނަ ގޮތް ތަފުސީލުކޮށްދެއްވަމުން ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ މައްސަލަތައް ބަލަން ކުރީގެ ޤާނޫނުތަކުން ޖިނާޢީ ކޯޓެއް ހުރިނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ޢައްޔަނު ކުރައްވަން އޭރުގެ ރައީސަށް ފެނިވަޑައިގަތީ ޢާއިލާއާބެހޭ ކޯޓުގެ ފަނޑިޔާރެއްކަމަށެވެ.

"ޢާއިލާއާބެހޭ ކޯޓުގެ ފަނޑިޔާރު އެކަން ކުރެއްވިއިރު، ބަންދު މީހާ ހާޒިރެއް ނުކުރެއެވެ. ގެންނަވަނީ މައްސަލައިގެ ލިޔުންތަކެވެ. އެލިޔުންތަކުގައި "ތައްގަނޑު" ޖައްސަވައެވެ. ފުލުހުން މުއްދަތު އިތުރު ކުރަން ގެނައި އެއްވެސް މީހެއްގެ ބަންދަށް މުއްދަތު ޖަހައި ނުދޭކަމަށް، އަޅުގަނޑު ކުރި ދިރާސާއަކުން ނުދައްކައެވެ. އޭރު ބަންދުގައި ތިބި މީހުން، އެ ދެ ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "ތައްގަނޑު"ގެ ނަމުން ކިޔާކަމަށް މަޝްހޫރު ވެފައި އޮވޭ" ޝަމީމްގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ލިޔުއްވުމުގައިވެއެވެ.

ޝަމީމް ވިދާޅުވީ ބަންދު މުއްދަތު ޖެހުމުގެ މަސައްކަތް ޖިނާއީ ކޯޓަށް ބަދަލު ކުރެއްވީ އޭގެ ދުވަސްތަކެއް ފަހުންކަމަށެވެ.

"އަދި ބަންދު މީހާ ކޯޓަށް ހާޒިރުކޮށް، އޭނާއަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭން ފެށީ އަދި މާ ފަހުންނެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ތަޙްޤީޤަށް ބަންދުކުރާ މީހެއްގެ ބަންދާމެދު އެއްވެސް މަރްޙަލާއެއްގައި ނިންމާ ގޮތަކާމެދު ހިތްހަމަ ނުޖެހިގެން ބަންދުގައި ހުރި މީހާއަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނަކަމަށާއި އެނިންމުން އަލުން މުރާޖަޢާ ކޮށްދެއްވުން އެދިގެން ހުށަހަޅާނެ ތަނެއްވެސް، އިޖުރާއާތެއްވެސް އޭރަކު ނޯންނަކަމަށެވެ.

"ކުރުކޮށް ބުނާނަމަ، ފުލުހުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފިނަމަ، އެމީހަކު އެކަމާބެހޭ ގޮތުން ދެކޭ އެއްޗެއް ބުނުމުގެ ފުރުޞަތެއް ނެތި، (މިނިވަން މުސްތަޤިއްލު) ފަނޑިޔާރަކާ ހަމައަށް އެމައްސަލަ ދާންވެސް 23 ދުވަސް ނަގައެވެ. އޭރު އޮތް ގޮތުން، ޖުޑީޝަރީގެ ވެރިއަކީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ފަނޑިޔާރު ނިންމައިގެން، ޖުމްލަ 53 ދުވަސް ބަންދުގައި ބެހެއްޓެއެވެ. އެއަށްފަހު “ވާނުވާ” ވެސް ޖެހެއެވެ. މިއިން އެއްވެސް މަރްޙަލާއެއްގައި ބަންދު މީހާ ބުނާ އެއްޗެއް އަޑުއެހުމުގެ ފުރުޞަތެއް ނޯވެއެވެ." އޭރު އޮންނަ ގޮތް ހާމަކޮށް ދެއްވަމުން ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީޤްކުރި ފެހި ޤާނޫނުއަސާސީއާއެކު ހައްޔަރުކުރުމާބެހޭ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނެވުނުކަމަށެވެ.

"ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާ ނުލައި މީހަކު ބަންދު ނުކުރެވޭނެކަމަށް ޞަރީޙަ ޢިބާރާތުން ލިޔުނެވެ. މީހަކު ހައްޔަރު ކުރުމާއެކު ގިނަވެގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭނެކަމަށް ލިޔުނެވެ. ހައްޔަރު ކުރާތާ 24 ގަޑިއިރު ނުވަނީސްވެސް، އެމީހާގެ ބަންދުގެ ކަންތައް ބަލައި ދިނުން އެދި ‘ހެބިއަސް ކޯޕަސް’ ރިޓަކަށް އެދުމުގެ ފުރުޞަތު އޮވެއެވެ. ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި، ބަންދާމެދު ވާހަކަ ދެއްކުމުގެ ފުރުޞަތު، ބަންދުގައި ހުރި މީހާއަށް ލިބެއެވެ. ބަންދާމެދު ފަނޑިޔާރު ނިންމާ ނިންމުން 3 މަރްޙަލާގައި އިސްތިއުނާފުވެސް ކުރެވެއެވެ." ހައްޔަރުކުރުމާބެހޭ ނިޒާމަށް އައިސްފައިވާ ކުރިއެރުންތައް ވިދާޅުވެ ދެއްވަމުން ޝަމީމް ވިދާޅުވިއެވެ.

"ބަންދު މީހާ ކުރެން ހޭވެސް އަހައި ނުލައި، 53 ދުވަހަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ނިޒާމަކުން، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ނިޒާމަކަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިޖުރަކޮށްފިއެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ހައްޔަރުކުރުން ހުއްދަ ސަބަބުތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަޙުޤީޤުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫނެވެ. ނަމަވެސް، ޤާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް ޢާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަޙްޤީޤު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށް ކަމުގައި ޝަމީމް ވިދާޅުވިއެވެ. އެއީ ތަޙްޤީޤު ކުރަން ފަސޭހަވާނެ ކަމަކަށް ވިޔަސް، މިކަމުގެ ތާރީޚީ ޙަޤީޤަތްތައް ހުރި ގޮތުން، ޤާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ޙައްޤުތައް ޙިމާޔަތް ކުރެވޭ ގޮތަކަށް ޤާނޫނު ލިޔެފައިކަމަށް ޝަމީމްގެ މިއިލްމީ ލިޔުއްވުމުގައި ފާހަގަކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޢަލީ ސަޢީދު

24-May-2021

މިހާރުވެސް ޖަލުގައި ހޭއަހާލުމެއްނެތިމީހުންހައްޔަރުކޕށްފައިއެބަތިބި ކުޑަކުއްޖެގެބައްޕަ އެދަރިފުޅުންމަހުރޫމުކޮށް ޖަލުގައި އޮންނަތާދެ އަރައްވުރެގިނަވެއްޖެ ނުހައްގުންޖަލުގައިއޮއިމީހާގެހައްގު ނަގަންޖެހެނީސަރުކާރުންޕޮރޮސެކިއުޓަރު



ޓްރެންޑިން