ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި އެންމެ ފަހުން ހައްޔަރުކުރި އަހުމަދު ފާތިހަކީ ފުލުހުންގެ ވަޒީފާގައި ކުރިން އުޅުނު މީހެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު (23 އަހަރު) ހައްޔަރުކޮށްފައިވަނީ ފުލުހުން މިމަހުގެ 19 ވަނަ ދުވަހުގެރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އޭނާ ހައްޔަރުކުރުމުން ބައެއް ފަރާތްތަކުން އޭނާއާ ބެހޭ އެކި ތަފްސީލްތައް ހާމަކުރަމުންދިޔައިރު، އޭނާއަކީ ފުލުހުންގެ އިންޓެލިޖެންސް ވަޒީފާގައި އުޅުނު މީހެއްކަމުގެ އަޑުތައްވެސް އޮތީ ފެތުރިފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ބޮމުގެ މައްސަލައިގައި ހައްޔަރުކުރި ފާތިހަކީ ފުލުހުންގެ ވަޒީފާގައި ކުރިން އުޅުނު މީހެއް ކަމަށެވެ. އަދި އޭނާ ފުލުހުންގެ ވަޒީފާ ދޫކޮށްލީ އަމިއްލައަށް އެދިގެން މިއަހަރުކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ފުލުހުންގެ ވަޒީފާގައި ކުރިން އުޅުނު މީހެއްގެ ބައިވެރިވުން އޮތްކަން ހާމަވެފައިވާއިރު، ރައީސް ނަޝީދު މީގެކުރިން ވެސް ވަނީ ފުލުހުންގެ ތެރެއިން އެމަނިކުފާނަށް ފާރަލާކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަރުކަށި ފިކުރު ވަރަށް ބޮޑަށް ފެތުރިފައި އޮތްކަންވެސް ރައީސް ނަޝީދު ގެންދެވީ ފާހަގަކުރައްވަމުންނެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފާތިހު ހިމެނޭހެން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފާތިހަކީ ބޮން ގޮއްވާލި ސައިކަލް އެތާނގައި ބެހެއްޓިކަމަށް ބުނާ މީހާއެވެ. މިމައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލިކަމުގެ ތުހުމަތުގައި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދާއި، ސައިކަލްގެ ވެރި ފަރާތްކަމަށްވާ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހުމަދެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހަސަނު

24-May-2021

ބުނަން. ތިޔަ ހުރިހާ ކަމަކީވެސް އަޑީގަ ހަރަސް މަޑަސް ވިޔާނުދާ ފިކުރެއްގެ ބަޔަކު ތިބެގެން ހިންގާ ކަމެއް. މިއީ ވަރަށް ހިތާމަހުރި ކަމެއް. މިއަދު ނަޝީދު. މާދަމާ ކާކު? އެހެންވީމަ މިކަން ކަމަށް ސަމާލުވެ މިފަދަ މީހުން މުޖުތަމަޢުން ފޮހެލަންޖެހޭ.



ޓްރެންޑިން