އެފްއޭއެމް ހައުސްގައި ސިފައިން ހަދާ ފްލޫ ކްލިނިކްގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިމަސައްކަތަކީ އެމްއެންޑީއެފް ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އަދި އެމަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ، އެމްއެންޑީއެފް ސަރވިސް ކޯރގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މިލިޓަރީ އިންޖިނިއަރސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މި މަސައްކަތް ސިފައިންނަށް ހަވާލުކުރުމާ އެކު، ސިފައިން އެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. އެ ދުވަހުން ފެށިގެން ހުއްޓާނުލައި ސިފައިން މަސައްކަތްކުރަމުންދާއިރު، އެތަނުގެ ތެރޭގައި ކުރަންޖެހުނު މުހިންމު ބައެއް މަސައްކަތްތައް އަވަސްކަމާއެކު ދަނީ ކުރެވެމުންކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ. މިގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި، އެތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ކުލަލުމާއި އަދި، ކުރަންޖެހުނު ބައެއް ސިމެންތި މަސައްކަތްތައްވެސް ސިފައިން ދަނީ ކުރަމުންނެވެ.



އެމްއެންޑީއެފުން ބުނީ މި މަސައްކަތުގައި، ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުން ވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ހިމެނޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެޗް.އީ.އޯ.ސީން ބުނީ، މާލޭގައި މިހާރު ހިންގަމުންދާ ފްލޫ ކްލިނިކްތަކާ ޚިލާފަށް އެފް.އޭ.އެމް އިމާރާތުގައި ހަދާ ފްލޫ ކްލިނިކް ބޮޑަށް ޚާއްސަކުރާނީ ކޯވިޑް-19 ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށްކަމަށެވެ. އެގޮތުން އެފަރާތްތައް ޑޮކްޓަރަށް ދެއްކުމާއި، ދެންވެސް ބޭނުންވާ އެހެނިހެން އައުޓް ޕޭޝަންޓް ޚިދުމަތްތައް އެ ކްލިނިކުން ލިބިގެންދާނެކަމަށް އެޗް.އީ.އޯ.ސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން