މިދިޔަ ރޯދަމަހުގެތެރޭގައި މާލެ މަގުމަތިން އަންހެނަކު ކިޑްނެޕްކޮށް، ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން ދޫކޮށްލައިފިއެވެ.

މިހާދިސާއަކީ އޭޕްރީލް 16 ވަނަ ދުވަހުގެރޭ، މާފަންނު ހަނދުވަރީހިނގުމުގައި ހިނގި ހާދިސާއެކެވެ. މިހާދިސާގައި އަންހެން މީހާ ގަދަކަމުން ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފަވެއެވެ. އަދި އެމަންޒަރު ވަނީ އެތައް ބަޔަކަށް ފެނިފައެވެ.

މިމައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ.

އެ ދެ މީހުންގެ މައްޗަށް މާރާމާރީއާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުންހިންގުމުގެ ތުހުމަތުކުރާއިރު، އެކި ފަހަރު މަތިން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. ނަމަވެސް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ވަނީ ދޫކޮށްލާފައެވެ.



ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލީ ޝަރުތުކުރުމަށްފަހު އެ ދެ މީހުން ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ކަމަށް އެކޯޓުން ބުނެއެވެ. އަދި ޕީޖީން އެގޮތަށް އެދުމުން، ފުލުހުންވެސް ވަނީ އެ ދެ މީހުން ދޫކޮށްލުމަށް ކޯޓުގައި އެދިފައެވެ.

މިހާދިސާގައި ހިމެނޭ އަންހެން މީހާ ފަހުން ގެންދިޔައީ ޑްރަގްގެ ފަރުވާދޭ މަރުކަޒަކަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ. އަންހެންމީހާ ހާދިސާގެ ވާހަކަ ކިޔައިދޭ ވިޑިއޯއެއްވެސް ފަހުން ވަނީ މީސް މީޑިއާގައި ލީކްކޮށްލާފައި ވެއެވެ.

ނުރައްކާތެރި މައްސަލަތަކުގައި ހައްޔަރުކުރާ ބައެއް ފަރާތްތައް މުޖްތަމަޢަށް ދޫވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިފަދަ މައްސަލަތަކުގައި ޕީޖީއާއި ފުލުހުންވެސް ބައެއް ފަހަރު ފަރުވާ ކުޑަކޮށްފައި ހުންނަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން