މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު މިއަދު ގޮވާލައްވައިފިއެވެ.

“ރަސްއޮންލައިން” އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވަނީ މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ގަވަރުނަރުގެ މަގާމުގައި މިހާރު ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކޮށް އެމަގާމަށް ގެންނަންޖެހޭނީ ޒުވާން ޅަނދޮޅު ކެރޭ ގަވަރުނަރެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ސެންޓަރަލް ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން އަޅުގަނޑު މި އަމުރުކުރަނީ، ސަރުކާރަށް އަދި ދައުލަތަށް ބޭނުންވަނީ ޒުވާން ޅަދޮޅު ކެރިގެން ހުންނަ ގަވަރުނަރެއް، އެ ގަވަރުނަރު ހޯދުމަށްޓަކައި މަސައްކަތް ކުރަމުން މިދަނީ، ދިވެހި ވިޔަފާރިތައް ކުރިއަށް ގެންދިޔުމަށް އަލީ ހާޝިމް މަގާމުން ވަކިކުރަން އަޅުގަނޑު ނިއްމައިފިން، މަޖިލީހަށް އަޅުގަނޑު ހުށައަޅާނަން އެމައްސަލަ." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ދައުލަތުން ކުންފުނިތައް ހަދަނީ ވެރިން ކުންފުނިތަކުގައި ތިބެ ދައުލަތުގެ ޚަޒާނާއިން "ވައްކަން" ކުރަން ނޫންކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޕްރައިވަޓައިޒް ކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ދައުލަތުގެ ޚަޒާނާއަށް އާމްދަނީ ހޯދޭނީ ސަރުކާރުން ކުންފުނި ހަދައިގެން ވިޔަފާރިނުކޮށް ޕްރައިވަޓައިޒްކޮށްގެން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޔޮޓް ޓުއާސްގެ ޗެއާމަން ޖާބިރު ވިދާޅުވިއެވެ.



ރާއްޖޭގެ އިގްތިސާދު ފުޑެމުންދާ ކަމަށާއި ދައުލަތުން ކުންފުނި ހަދައިގެން ވިޔަފާރި ކުރުން ހުއްޓާލަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިޔުމަށް ތަހުޒީބު ވާންޖެހޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން