އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކުރަން އަމުރުކުރުމަކީ ކޯޓުގެ ޒިންމާއެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެނަޓްރީ ގުރޫޕްގެ މެމްބަރު، އިމްތިޔާޒް ފަހުމީ، އިންތި ވިދާޅުވީ "ތަޙްޤީޤަށް މީހުން ހައްޔަރު ކުރުމުގެ" ދިވެހި މާނައަކީ ފުލުސް ކޯޓުން މީހުން ހައްޔަރުކުރުމަށް ބޭނުންކުރި ސަބަބުގެ މާނަކަމަށް ވެދާނެ ކަމަށާއި އެ މާނައިގައި މީހުން ހައްޔަރު ނުކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް، "ވައިލެންޓް" ކުށެއްގެ ތަހުގީގު ކުރާއިރު، އަދި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ސީދާ ކޯޓަށް ގަބޫލުކުރެވޭ އިރު، އަނިޔާގެ ޝިކާރައަކަށްވީ ފަރާތަށް ނުރައްކަލެއް ނެތްކަން ކޯޓަށް ކަށަވަރުވަންދެން، އަނިޔާ ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރަން އަމުރުކުރުމަކީ ކޯޓުގެ ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.

"ވައިލެންޓް ކުށެއްގެ ތަޙްޤީޤެއް ކުރާއިރު، އަދި ތުޙުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ސީދާ ކޯޓަށް ޤަބޫލުކުރެވޭ އިރު، ވިކްޓިމަށް އޮތް ތްރެޓް ފިލާދިޔަކަން، ކޯޓަށް ޤަބޫލުކުރެވެންދެން، އެމީހަކު ހައްޔަރުކުރުމަށް ކޯޓުން އަމުރުކުރުމަކީ ކޯޓުގެ ޒިންމާއެއް ކަމަށް ދެކެން." ގާނޫނީ ދާއިރާއިން މަތީތަޢުލީމް ހާސިލުކުރައްވައިގެން ހުންނެވި އިންތި ވިދާޅުވިއެވެ.



އިންތި މިހެން ވިދާޅުވީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، ތަހުގީގަށްޓަކައި ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީން އެދުމުން، އެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިއްމުމަށް އިޝާރަތްކުރަށްވައި ކަމަށް ބެލެވެއެވެ.

އެމައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިއްމުމުގައި ބުނެފައިވަނީ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަވެސް އޭނާ ހައްޔަރުކުރެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ. އެ ނިންމުމުގައި ބުނާގޮތުން ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އޮތްގޮތުން ތަހުގީގުގެ ބޭނުމަށް މީހަކު ހައްޔަރު ނުކުރެވޭނެެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެވެން ނެތް ކަމަށް ކޯޓުން ވަނީ ނިއްމާފައެވެ.

އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކުރަން އަމުރުކުރުމަކީ ކޯޓުގެ ޒިންމާއެއް ކަމަށް އިންތި ވިދާޅުވެފައިވާއިރު އިތުރު ސަބަބުތަކަކާއި ނުލައި ހަމައެކަނި ޖިނާޢީ ތަހުޤީޤެއްގެ ބޭނުމަށް މީހަކު ހައްޔަރުކުރުމަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަންނަކަމެއް ނޫންކަމަށް ޕީޖީ ހުސައިން ޝަމީމް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން