ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ ތަހުގީގުކުރަމުންދަނީ ވަރަށް އިންތިޒާމުވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާ އެއްގޮތަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއިގައި ދިން ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، "ފުލުހުންގެ ޚިދުމަތުން ކުރިއަށް މިގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް" ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގައި އެފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމަކަށް ފުލުހުން ބަލަމުންދާ ކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ. ހަމައެހެންމެ އެ ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް އަދި ގިނަ މައުލޫމާތެއް ކަމުގައިވިޔަސް، އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.



އެއާއެކު ފުލުހުންނަށް މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން 9704000 ނަންބަރު ފޯނާ ގުޅުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެެވެ. އަދި މައުލޫމާތާއި ފޮޓޯއާއި ވީޑިޔޯ ފުލުހުން އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހިއްސާކުރުމަށްވެސް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.

ހަމަލާގެ ތަހުގީގަށް ހުރަސް އެޅޭކަންކަން ނުުކުރުމަށް ސީޕީ އިލްތިމާސްކުރައްވާފައިވާއިރު އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދަން ގޮވާލައި ޝޯޝަލް މީޑިޔާގައި ދަނީ ކެމްޕޭން ކުރަމުންނެވެ.

މިހާތަނަށް މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާދިން އައިއީޑީގެ އެތެރެއަށްވަނީ ރޭޒަރު ފުއް އަޅާފައެވެ. އެ ގޮއްވައިލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ގިނަ އަދަދެއްގެ ރޭޒަރު ފުށް ވަދެ ރައީސް ނަޝީދު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. އޭޑީކޭގައި އެމަނިކުފާނުގެ ސާޖަރީތަކެއް ހަދައި، 16 ގަޑިއިރުގެ އޮޕަރޭޝަންތަކަށްފަހު ހަށިކޮޅުގެ ތެރެއަށް ވަދެފައިވާ ރޭޒަރު ފުއްތައް ވަނީ ނަގާފައެވެ. އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަަނަށް ވަޑައިގެން އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން