ރާއްޖޭގެ ކޮވިޑްގެ ނުރައްކާ ބޮޑުވެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައިވެސް ބަލި ކޮންޓްރޯލްކޮށް ކަންކަން ރަނގަޅު ކުރުމަށް ކުރެވެން ހުރިކަންކަން ސަރުކާރުން ކުރަމުން ގެންދާ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"ރަސްއޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑްގެ ހާލަތަކީ ރާއްޖެއަށް އެކަނި ދިމާވެފައިވާ ހާލަތެެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔޭގެ އެންމެ ބާރުގަދަ މުއްސަނދި ތަނަވަސް ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ބޮޑު ބަލިމަޑުކަމެއް ކަމަށެވެ. ކޮވިޑުގެ ބިޔަ ރާޅު ބިންދާލައި ކުޑައެއް ބޮޑެެއް ނެތި ހުރިހާ ގައުމެެއްގެ ރައްޔިތުން މި ބޮޑު ބަލިމަޑުކަން ތަހައްމަލު ކުރަމުންދާއިރު، ވަސީލަތްތަކާއި ފައިސާ ހުރި ބޮޑެތި ގައުމުތަކުން އެ ބަލިމަޑުކަމުން އަރައިގަނެވޭނެ ގޮތެއް، ކުރެވޭނެ ކަމެއް ނެތި އިނދަޖެހެމުންދާ ކަމަށް ގާސިމް ވިދާޅުވިއެެވެ.

"މިހާލަތުގައި މުޅި ދުނިޔެ އޮތްއިރު މި ގައުމުގެ ހެލްތު މިނިސްޓަރަށް ވަކި ކުރެވޭނީ ކޮންކަމެއްތޯ؟ ބޭނުންވާ ވަރަށް ވަސީލަތްތާއި ރުފިޔާ ހުރި ގައުމުތަކަށް ކަމެއް ނުކުރެވިގެން އުޅޭއިރު ވަސީލަތްތަކާ ރުފިޔާ ނެތް ގައުމެއްގައި ކޮންކަމެއްތޯ ކުރެވޭނީ؟ ހުރިހާ ގައުމެެއް، ބޮޑެއް ކުޑައެއް ނެތް ހަމަ އެއްހާލެއްގައި ނޫންތޯ މިއޮތީ؟ ރައީސާއި ހެލްތު މިނިސްޓަރަށް ކުރެވޭނެ ކަންކަން ކުރަމުން އެދަނީ، އަޅުގަނޑަށް ފެންނަ ގޮތުގައި." މަޝްހޫރު ވިޔަފާރުވެރިޔާ، ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދި މިހާލަތުން އަރައިގަތުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން ކުރަމުން އެގެންދަނީ އިޚުލާސްތެރިި މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ސިއްހީ ވުޒާރާގެ ޚިދުމަތްތެރިން ކުރާ މަސައްކަތްތައް ވެސް ގާސިމް ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

"މިއީ އެފަރާތްތަކުގެ ކުރި މަރާނުލައި، ހިތްވަރު ދެއްވަންވީ ވަގުތު. ފުރާނަ އަތްމައްޗަށްލައިގެން އެކުރަނީ ރިސްކީ މަސައްކަތްތަކެއް. މިއަދު އެއިން އެއްވެސް ބިރުން ނޫނީ ބުރަބޮޑުވެގެން ފަހަތަށް ޖެހިއްޖެއްޔާ އަޅުގަނޑުމެން ކީއްތޯ ކުރާނީ؟ އެމީހުންގެ ވެސް އާއިލާއާއި އަނބިދަރިން ތިބޭނެ. އެމީހުންވެސް މިފަދަ ބިރުވެރި ވަގުތެއްގައި ވީހާލެއްގައިވާން އެ ބިރުވެރިކަމަށް ހުށަނޭޅި އަނބިދަރިންނާއި މައިންބަފައިން ގާތުގައި ތިބެން ބޭނުންވާނެ ނޫންތޯ؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ސިއްހީ ނިޒާމް ރަނގަޅުކޮށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް ގާސިމް ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

"މިއީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރުމާއެކު ހާލަތުން އަރައިގަތުމަށް އެންމެން އެކީގައި އަތު ގުޅާލަންވީ ވަގުތު. މިއީ ރައީސް ސޯލިހް ވެރިކަމުގައި ހުންނެވީތީ ލައިގަނެގެން އުޅޭ ބަލިމަޑުކަމެއް ނޫން. މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް. މިއީ ބަޔަކު މިދުވަހަށް ތައްޔާރު ނުވެގެން ވެގެން އުޅޭ ގޮތެއްނޫން. މި ފެންނަމުންދަނީ، ކަންކަން ބަދަލުވަމުން މިދަނީ އެއްވެސް މީހަކު ފިކުރުކޮށް ޚިޔާލުކޮށްގެން ތިބި ކަންކަމެއްނޫން. މިހާލަތަށް ތައްޔާރުވެފަ އޮތް އެއްވެސް ގައުމެއް މި ދުނިޔެއަކު ނެތް." އިޖްތިމާއީ ގޮތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ "ސަރުކާރުން ކަމެއް ނުކޮށް އަތް އުރާލައިގެން ތިބީ ނޫންކަމަށާއި ސަރުކާރުން ނުހަނު ބުރަ މަސައްކަތްތަކެއް އެބަކުރަމުން ގެންދާ" ކަމަށެވެ.

"މިހާލަތުން އަރައިގަނެވޭތޯ ސަރުކާރު ނުހަނު ބުރަ މަސައްކަތް އެބަކުރޭ. އަތް އުރާލައިގެން ތިބީއަކީ ނޫން. ﷲގެ ހެޔޮރަހުމަތްފުޅާއެކު މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ." ރައްޔިތުންނަށް އުއްމީދު ދެއްވަމުން ވަރަށް އަސަރާއެކު ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް މިރޭ ސަރުކާރުން ވަނީ ބުނެފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ 26 ވަނަ ދުވަހުން ފެށިގެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު ފާއިތުވެ ދިޔަ ސައްވީސް ގަޑިއިރުގެ ތެރޭގައި 1559 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ އެކަނިވެސް އެެބަލީގައި 6 މީހަކު ވަނީ ނިޔާވެފައެވެ. މިމަހުގެ އެކަނި ވެސް ކޮވިޑްގައި 56 މީހަކު ނިޔާވެފައިވާއިރު ބަލީގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 129 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

Riza

04-Jun-2021

Mr jaasim e kiketho


-4

Riza

04-Jun-2021

Mr jaasim e kiketho



ޓްރެންޑިން