ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިންރޭ އެމަނިކުފާނުގެ ހާލުކޮޅާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ރައީސް ނަޝީދުގެ އާއިލާއިން ދިން މައުލޫމާތަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ، މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ ރޭ މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައި ވަނިކޮށް، ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކަލެއް ނެތްކަމަށް ވިދާޅުވެ އިމްރާން ވާހަކަ ދައްކަވާފައިވާތީ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެހެން ވިދާޅުވީ ކީއްވެގެން، ކޮންމައުލޫމާތަކަށް ބިނާކޮށްކަން ހާމަކުރުމަށް އެދިފައެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ އިމްރާން ހާޒިރުކުރިއިރު، އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އެކަމާއި ގުޅިގެން ހޯމް މިނިސްޓަރާއި ސުވާލުކުރަށްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ހާލުކޮޅާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު މައުލޫމާތު ފެތުރީ ކީއްވެތޯ ހަސަން ލަތީފް ސުވާލު ކުރެއްވިއެވެ.

ހަސަން ލަތީފުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކަލެއް ނެތްކަމަށް ވިދާޅުވީ އެމަނިކުފާނުގެ އާއިލާއިން ޑޮކްޓަރުންނާއި ހަވާލާދީ ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އާއިލާއަށް ދެންނެވި އެއްޗެއް ފިޔަވައި އިތުރު އެއްޗެއް މީޑިއާގައި ވިދާޅުވެފައި ނޯންނާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް، އަދި ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއްކަމަށްވާ އިވާ އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކަލެއް ނެތްކަމަށް އާއިލާއިން ވިދާޅުނުވާކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އީވާ ވިދާޅުވިއެވެ. އެހެންކަމުން ހޯމް މިނިސްޓަރ ދެއްކެވި ވާހަކަފުޅު ގަބޫލުކުރަށްވަން ދަތިކަމަށްވެސް އީވާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި އެމަނިކުފާނު އިތުރު ފަރުވާއަށް މިހާރު ޖަރުމަންވިލާތަށް ވަޑައިގެން ހުންނެވިއިރު، ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގޭއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ތަހުޤީޤްގެ ދުވެލި ލަސްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން