ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިޅިހަށް ހާޒިރުވެ ވަޑައިގެން ބޮމުގެ ހަމަލާގެ ތަހުޤީޤް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ބޮމުގެ ހަމަލާގެ ތަހުޤީޤްކުރިއަށްދަނީ އެންމެ އެކަށީގެންވާ ސްޕީޑުގައިކަން ދަންނަވަން ދަތިކަމަށެވެ. އަދި އެކަމުގައި ގިނަ ގޮންޖެހުންތަކެއްވެސް އެބަހުރިކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ބޮމުގެ ހަމަލާގެ ތަހުޤީޤަށް ހައްޔަރުކުރި 4 މީހުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެމައްސަލަ ތަހުޤީޤްކުރުމުގައި ހަރަކާތްތެރިވާ ތަހުޤީޤް ޓީމުގެ ބައެއް މެމްބަރުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

"މިކަންކަމުގެ ސަބަބުން ތަހުޤީޤް ގެންދަން ބޭނުންވާ ސްޕީޑުގައި ނުގެންދެވޭ. އެކަމަކު މަސައްކަތްކުރުމުގައި ހޭދަވާ ވަގުތާއި އެކަމަށްދޭ އަހަމިއްޔަތުކަމާއި އަދި އޮފިސަރުން ވަރުބަލިކަމެއް ނެތި ދެއްވާ ވަގުތު އަޅުގަނޑު ފާހަގަކޮށްލަން." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ތަހުޤީޤްގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި، ނަމަވެސް ތަހުޤީޤް ނިންމޭނެ ދުވަހެއް ސީދާ ދަންނަވަން ދަތިކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ލ. ގަން / ދުންފިނި އުފާ، އަހުމަދު ފާތިހާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގެ މުޖާޒް އަހުމަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން