ހުޅުމާލޭގައި އިމާރާތެއްގެ 6 ވަނަ ބުރިން ވެއްޓުނު ހާދިސާގައި، އިތުރު މީހެއްގެ ދައުރެއް އޮތްކަން މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުުހުން ބުނީ މިިދިޔަ ބުރާސްފަތިދުވަހުގެރޭ ހުޅުމާލޭ ނިރޮޅުމަގުގައި ހުރި އިމާރާތެއްގެ މަތިން ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެއްކަމަށެވެ. އަދި އޭނާއަށް ދަނީ އަޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންނެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މީނާ ވެއްޓުމުގައި އެހެން މީހެއްގެ ދައުރެއް އޮތްކަން ފާހަގަކުރެވިފައި ނުވާކަމަށެވެ. މިގޮތުން މި ހާދިސާ ހިނގުމުގެ 10 މިނެޓެއްހާއިރު ކުރިން މި މީހާ އެކަނި ގޮސް އެ އިމާރާތަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަން ހުރިކަމަށާއި އަދި އޭނާ ވެއްޓިފައިވަނީ 6 ބުރީގެ އިމާރާތުގެ މަތިން ޖެހިގެން ހުރި 3 ބުރީގެ އިމާރާތުގެ މައްޗަށްކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މަގުމައްޗަށް ވެއްޓިފައިވަނީ އެ އިމާރާތުގެ މަތިންކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުުހުން ބުނީ މި މިހާ ވެއްޓުނު 6 ބުރީގެ އިމާރާތަށް ވަނުމުގެ ކުރިން ހުޅުމާލޭގެ މަގުތަކުގައި މިމީހާ އެކަނި އަޑުގަދަކޮށް ހަޅޭލަވަމުން ކޮޅުކޮޅަށް ދުވެފައި އުޅޭ މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްތައް ލިބިފައިވާކަމަށެވެ.

ހުޅުމާލޭގައި އިމާރާތެއްގެ މަތިން މީހަކު ވެއްޓުމުގެ ހާދިސާއެއް މިދިޔަ ބުރާސްފަތިދުވަހުގެރޭ ހިނގިއިރު، ޖެހިގެން އައިރޭ މާފަންނު އެންދެރިކުރި ގެއިންވެސް މީހަކު ވަނީ މަގުމައްޗަށް ވެއްޓިފައެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން