ސަރުކާރުން މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ހުޅުވާލި ފުރުސަތުގައި ލޯނު ލިބުނު ދަރިވަރުން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސުކީމަށް ކުރިމަތިލުމަށް ފުރުސަތު މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހުޅުވާލުމުން 770 ފުރުސަތަށް 1،176 ދަރިވަރުން ކުރިމަތިލިކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ 1،176 ދަރިވަރުންގެ ތެރެއިން 417 ދަރިވަރަކަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި އެމްބީބީއެސް ކިޔަވާ ދަރިވަރުންނާއި ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި އެމްބީބީއެސް ކިޔަވާ 65 ދަރިވަރުންނާއި ޕައިލެޓްކަން ކިޔަވާ 16 ދަރިވަރަަކު ހިމެނެއެވެ. އަދި އެހެން ދާއިރާތަކުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދީފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބައެއް ދާއިރާތަކުން ލޯނު ސްކީމަށް ކުރިމަތިލި ދަރިވަރުންގެ އަދަދުވެސް މަދުކަމަށެވެ. އެގޮތުން އެކައުންޓިން، އިންޖިނިއަރިން އަދި ސޯޝަލް ސައިންސްގެ ދާއިރާތަކުން ގިނަ ޖާގަތަކެއް ހުޅުވާލިނަމަވެސް، އެދާއިރާތަކަށް ލިބުނު ތަރުހީބު ކުޑަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ލޯނު ދޭން ނިންމި ދަރިވަރުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތްނަމަ ކުރިއަށްއޮތް 7 ދުވަސްތެރޭގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެބައޮތްކަމަށެވެ، އަދި ޝަކުވާތައް ހުށަހެޅުމަށް ފުރުޞަތު ދިނުމަށްފަހު އަންނަމަހުގެ 10 ވަނަ ދުވަހު ފައިނަލް ލިސްޓު އާންމުކުރާނެ ކަމަށެވެ.

ސަރުކާރުން ވަނީ މިއަހަރު މަތީ ތައުލީމުގެ ލޯނުު ދިނުމަށް ބަޖެޓުގައި 137 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން