އިދިކޮޅު ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، އެކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ މީޑިއާއަކުން ގެނެސްދިން ރިޕޯޓެއްގައި އެ ކޯލިޝަނާ ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ފަތުރާފައިވާކަމަށް ބުނެ، އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ "އިދިކޮޅު ލީޑަރާއި މެދު ބޮޑު ބަހުސަކަށް؟" މި މައުޟޫޢު ގައި ދިވެހި ޗެނަލްއިން ގެނެސްދީފައިވާ ރިޕޯޓުގައި އެ ކޯލިޝަންގެ ލީޑަރޝިޕް ބަދުނާމުކޮށް އެ ބޭފުޅުންނާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށެވެ. އަދި އިދިކޮޅު ލީޑަރަކީ ޕީ.ޕީ.އެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްކަމަށާއި، އެކަމަކީ އިތުރު ބަހުސަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ނަމަވެސް މީޑިއާއަކުން ގެނެސްދިން ރިޕޯޓުގައި އިދިކޮޅު ލީޑަރޝިޕްގެ ތެރޭގައި ބައިބައިވުން އޮތް ކަމާއި، އިދިކޮޅު ލީޑަރުގެ މަޤާމުގެ ވާދަވެރިކަން އޮތްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމާއި، އެއީ ކޯލިޝަންގެ ލީޑަރޝިޕް ބައިބައި ކުރުމަށް ދުރާއި ގާތުން ކުރަމުންގެންދާ މަސައްކަތްތަކެއްގެ ތެރެއިން ބަޔަކު އުފަން ކުރުވާފައިވާ ޙަޤީޤަތާއި ޚިލާފު ހިޔާލީ ވާހަކަތަކެއްކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެކޯލިޝަންގެ ލީޑަރޝިޕް ބަދުނާމުކޮށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ލީޑަރޝިޕް ކޮލިޓީއަށް ނިކަމެތިކަން އަންނަ ގޮތަށް އެރިޕޯޓުގައި ގެނެސްފައިވާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި މިފަދަ ވާހަކަތައް ފަތުރަނީ އެ ކޯލިޝަނާއި އެކޯލިޝަންގެ ލީޑަރޝިޕާއި މެދު ދިވެހި ރައްޔިތުންގެ މެދުގައި ފިތުނައާއި ނަފްރަތު އުފައްދާ އެކޯލިޝަންގެ ލީޑަރޝިޕާއި ކޯލިޝަން ބައިބައި ކުރުމުގެ ބޭނުމުގައިކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އެކޯލިޝަންގެ ލީޑަރޝިޕާއި އެކޯލިޝަންގެ އެއްވެސް ގުނަވަނަކުންވެސް އަދި އެކޯލިޝަންގެ އެއްވެސް މެންބަރަކުވެސް އެފަދަ ކަންކަމަށް ޖާގަ ނުދޭނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން އެ ކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތަކީ އިދިކޮޅު ލީޑަރު އަދި ކޯލިޝަންގެ ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކޮށް ދިވެހިރާއްޖޭގެ ވަލީޢުލްޢަމްރުގެ މަޤާމަށް އަނބުރާ ގެނައުން ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން