ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް މެނޭޖްކުރުމަށް އިތުރު ގޮތްތަކެއް ސަރުކާރުން ހޯދަންޖެހޭ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެެވެ.

ކޮވިޑު-19 ގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި އިދިކޮޅުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. މަދު ވަސީލަތްތަކާއެކު ޚިދުމަތްތައް ދެމުންގެންދާ ސިއްހީ މަސައްކަތްތެރިން ވަރުބަލިވެފައިވާއިރު، ކޮވިޑް މެނޭޖްކުރުމަށް ސަރުކާރުން އިތުރު ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އިންސާނީ ވަސީލަތްތަކުގެ ބޭނުން ރަނގަޅަށް ހިފައިފިނަމަ މިހާރަށްވުރެ ރަނގަޅަށް ކޮވިޑް މެނޭޖްކުރެވޭނެ ކަމަށާއި، މިހާރުވެސް ބޭރުގައުމުތަކުގެ އެހީއަށް އެދުން މާ ބޮޑަށްވެސް ލަސްވެއްޖެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސަރުކާރަށް ހިލޭ އެހީ ލިބިއްޖެ، ލޯނު އެހީ ކޮވިޑްގެ މިހާލަތުގައި ލިބިއްޖެ ލިބުނު އަދަދުތައް ބިލިއަނުން ގުނާލެވޭ، ސިއްހީ މަސައްކަތްތެރިން ވަރުބަލިވާތަން މިފެންނަނީ. އެހެން ނަމަވެސް ކޮވިޑް މެނޭޖް ނުކެރެވޭތަން މިފެންނަނީ. މާދަމާ މިކަންތައްތައް ވެސް ސަރުކާރުން މެނޭޖް ކުރާނެ ގޮތެއް ރައްޔިތުންނަކަށް ނޭގޭ. ބިރުވެރިކަމެއްގެ ތެރޭގައި މިއަދު މިތިބީ. ސަރުކާރުން އެބަޖެހޭ މި ނޫންގޮތަކަށް މިކަން މެނޭޖް ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްތަކެއް ކުރަން." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކޮވިޑްގެ ހާލަތު ކޮންޓްރޯލްކޮށް މެނޭޖް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ކުރަންޖެހޭ މަސައްކަތް ކުރުމަށް ހުރިހާ ހުއްދައެއް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ކަމަށެވެ. އެގޮތުން މާލީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ނަމަ އެެވެސް މަޖިލީހުން ދީފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެެވެ.

"އެހެންވެއްޖެ ކަމަށްވާނަމަ ވަސީލަތްތަށް ބޭނުންކުރަން އެބަޖެހޭ އިންސާނީ ވަސީލަތްތަށް މުހިންމު އަޅުގަނޑަށް ފާހަގަކުރެވޭގޮތުގައި ބޭނުންކުރަން އެބަޖެހޭ، އެމްއެންޑީއެފް ދިވެހި ފުލުހުންގެ ޚިދުމަތް ފަދަ މުވައްސަސާތަށް އެންމެ އެދެވޭ ގޮތަށް ހިފިއްޖެ ކަމަށް ވާނަމަ މިއަށްވުރެ ރަނގަޅަށް މިކަންކަން މެނޭޖް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މާލޭ ފިޔަވައި ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައި އޮތީ އޭނާ ނިސްބަތްވާ ނައިފަރު ދާއިރާ ކަމަށެވެ. ނައިފަރު މޮނިޓަރިންގައި އޮންނަތާ ދެމަސް ދުވަސް ވެފައިވާއިރު ރައްޔިތުން އާމްދަނީ ހޯދުމަށް ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށާއި، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ނައިފަރަކީ ބައިބޯ ގޭބީސީތަކެއް އޮންނަ ރަށެއް، ގޭބީސީ އެއްގައި 16-20 މީހުން އެބަ ދިރިއުޅޭ ރަށެއް އެރަށަކީ ވެސް. މި ވާހަކަ ދައްކާއިރުވެސް ހަަތަރު ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްލިއިރު ނައިފަރުގައި ކޮވިޑް ފެސިލިޓީއެއް ގާއިމް ކޮށްލެވޭނެ ގޮތެއް ނެތިފައި މިތިބީ. ނައިފަރުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތިފައި ތިބެން ޖެހޭ ޖެހުމަކީ މިއީ ހިތާމަކުރަންޖެހޭ ކަމެއް." ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ނޫނު

04-Jun-2021

ސިޔާމުމެންއަދިވެސް ނިކުންނަންވީނު މުޒާހަރާކޮއްލަން އޭރުންކޮވިޑުގެހާލަތުރަގަޅުވާނީ



ޓްރެންޑިން