ބަންގާޅު ކަނޑުގައި އުފެދިފައިވާ ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރިނަމަވެސް، ކުރިއަށްއޮތް 2 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ "ޔަސް" ތޫފާނު ދަތުރުކުރަމުންދަނީ އުތުރުހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށްކަމަށެވެ. އަދި ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އެހެންނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވުމާގުޅިގެން ރާއްޖޭގެ ސަރަޙައްދުގައި ކުރިއަށްއޮތް 2 ދުވަހުވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި އަދި އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.



ރާއްޖޭގެ މޫސުމަށް ބަލާލާއިރު، މިއަދު މެންދުރުފަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން