އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅު ތަކަކީ "ފުރަބަންދަށް" ނުވި ނަމަވެސް ކާފިއު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ވެސް ފާސް ނެތި ބޭރަށް ނުނުކުމެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތު އިތުރުކޮށްފައިވާއިރު ހަވީރު 4:00 އިން ފެށިގެން ޖެހިގެން އަނެއް ދުވަހު ހެނދުނު 08:00 އަށް ބޭރުގައި އުޅުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. ކާފިއު ނޫން ވަގުތުތަކުގައި ވެސް ޒަރޫރީ ބޭނުމަށް ބޭރަށް ނިކުމެވޭނީ އެކަމަށް ދޫކުރާ ފާހަކާއެކު އެެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެވޭނީ ޕާމިޓެއް (ހުއްދައެއް) ނަގައިގެން ކަމަށެވެ. އެގޮތުން ކާފިއު ނޫން ގަޑީގައި ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ ބޭނުން ކުރުމަށް ކޮންމެ ގޭބީސީއަކަށް ވެސް ދެ ފާސް ދޫކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެ ޕާމިޓް ދޫކުރެވޭނީ ކާފިއު ނޫން ގަޑިތަކުގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. ކުއްލި އެމަޖެންސީއެއް ދިމާވެގެން ނޫނީ ކާފިއުގެ ގަޑީގައި އެއްވެސް ކަމަކާހުރެ ބޭރަށް ނުކުތުން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މަނާވާނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން ޕާމިޓް ދޫކުރާނީ ހެނދުނު 8:00 ކުން މެންދުރު 12:00 އަށް، އަދި މެންދުރު 12:00 އިން ހަވީރު 16:00އަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ރެޒިޑެންޝަލް ފާސް ދޫކުރުމުގެ ބޭނުމަކީ އެގަޑިތަކުގައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ރައްޔިތުންނަށް ވަކި ގަޑިއެއްގެ ތެރޭގައި ފުރުސަތު ދިނުން ކަމަށެވެ. އަދި އެ ޕާމިޓްގައި ވެހިކަލް ތަކުގައި އުޅެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ރެޒިޑެންޝަލް ޕާމިޓް ހޯދުމަށް ފޮލިސް ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ކަމަށެވެ. އެގޮތުން މިރޭ 8:00 އިން ފެށިގެން ހުއްދައަށް އެދެވޭނެ ކަމަށާއި ޕާމިޓަށް އެދޭ އިރު އެގެއެއްގެ ކަރަންޓު މީޓަރުގެ ނަންބަރާއި، ގޭގެ ނަމާއި، އެމީހެއްގެ ނަން ހިމަނާފައި ރިކުއެސްޓް ކުރެވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި މާލޭ ސަރަހައްދު ދެ ޒޯނަކަށް ވަނީ ބަހާލައިފައި ކަމަށާއި އެއް ޒޯނަނީ ހުޅުމާލެ، އަދި އަނެއް ޒޯނަކީ މާލެ، ވިލިގިނލި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެން ކަމުން ހުއްދަ ނަގާ ޒޯނުން ބޭރުގައި އެ ފާހުގައި ނޫޅެވޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑެލިވަރީ ގަޑިތަކަށްވެސް ބަދަލު ގެނައުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެެވެ. އެގޮތުން އަންނަ ބުދަ ދުވަހުން ފެށިގެން ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޑެލިވަރީ ކުރެވޭ ގަޑި ހެނދުނު 6:00 އިން މެންދަމު 12:00 އަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ ކާފިއުގެ ވަގުތުގައި ފިހާރަތަކަށްވަދެ ވިޔަފާރި ކުރުމާއި ޓޭކްއަވޭ ކެފޭތަކަށް ވަދެ ހެދުން މަނާވާނެ ކަމަށެވެ. ނަމަވެސް ކާފިއު ވަގުތުގައި ކާބޯތަކެތި ނުވަތަ ފިހާރަތަކުން ގަންނަ ތަކެތިވެސް ޑެލިވާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކާފިއު ވަގުތުގައި ފިހާރަ ފިހާރައަށް ވަދެ ވިޔަފާރި ކުރާނަމަ ނުވަތަ ކެފޭތަކަށް ވަދެ ޓޭކްއަވޭ ހަދާކަން ފުލުހުންނަށް ފާހަގަ ކުރެވޭނަމަ އެންމެ މަދުވެގެން 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިހާރު ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަހަރެން

04-Jun-2021

އަތަ ގޮވިމަ ވަނި ތިހެން



ޓްރެންޑިން