ގެވެށި އަނިޔާގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެނުދޭން ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފި އެވެ.

ޕީޖީ އޮފީހުން ބުނީ، އަމުރު އިސްތިއުނާފު ނުކުރަން އެ އޮފީހުން ނިންމީ، މައްސަލައިގެ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމި، އެ އޮފީހަށް ހުށަހެޅުމުގެ މަރުހަލާގައި އޮތުމުން، ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައެއް ކަމަށްވާތީ ކަމަށެވެ.

އަދި، ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަވުމުންނާއި އަނިޔާލިބުނު ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވުމުން އެގޮތަށް ނިއްމީ ކަމަށް ޕީޖީ އޮފީހުން ބުނެ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމަށް އަމުރެއް ނެރެވޭނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓަށް ހުށައަޅައިގެންނެވެ. އެކަން ކޮށްދިނުމަށް ފުލުހުން އެދުމުން، އެ އޮފީހުން ވަނީ ކުރިމިނަލް ކޯޓަށް އެ އަމުރު ހޯދުމަށް ހުށައަޅާފައެވެ. އީސަ ހައްޔަރުކުރަން ކޯޓުގައި އަމުރަކަށް އެދިފައިވަނީ އޭނާގެ ކުރީގެ އަނބިކަބަލުން އަސްރާގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާތީ އާއި ތަކުރާރުކޮށް އީސާގެ ފަރާތުން ގެވެށިއަނިޔާ ލިބޭ ކަމަށް އަސްރާ ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް، ކޯޓުން ވަނީ ގާނޫނީ ބިނާއެއް ނެތްކަމަށް ބުނެ އީސަ ހައްޔަރު ކުރުމުގެ އަމުރު ނެރެދޭން ދެކޮޅު ހަދާފައެވެ. އީސަ ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެެވެ. އީސަ ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން