އަޅާލާނެ މީހަކާނުލައި މައިންބަފައިން ހުޅުމާލޭ ފެސިލިޓީއަށް ނުފޮނުވުމަށް ކޮވިޑަށް ޕޮޒިޓިވްވެ ހުޅުމާލޭ ކޮވިޑް ފެސިލިޓީއިން ފަރުވާ ހޯދި މީހަކު ގޮވާލައިފިއެވެ.



ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ޕޮޒިޓިވްވެގެން 20 ދުވަސް ވަންދެން ފަރުވާ ހޯދި އަލީ އާޒިމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، އޭނާގެ ތަޖުރިބާގެ އަލީގައި، އުމުރުން ދުވަސްވީ މައިންބަފައިން އެކަނި ބަލަހައްޓާނެ މީހަކާ ނުލައި ފެސިލިޓީތަކަށް ނުފޮނުވުމަށް އެދިފައެވެ. އޭގެބަދަލުގައި އެހީވެވޭފަދަ ގާތް މީހަކާއެކު ފޮނުވުމަށާއި، ސަރުކާރުން ވެސް އެ އިންތިޒާމް ހަމަޖައްސައިދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ.

"ފުރާނައަކީ ގަދަ ކީރިތިވަންތަ މާތް ރަސްކަލާނގެ މިލްކެކެވެ. އަދި އަޅުގަނޑަކީ ސިއްހީ މާހިރެއް ވެސް ނޫނެވެ. ނަމަވެސް އަޅުގަނޑު މި އިޝާރަތްކުރި ކަންކަމަށް ސަމާލުކަން ދީފިނަމަ ފަޓާސް ބަރިއެއްހެން ގެއްލެމުން މިދާ ފުރާނަތައް މަދުކުރެވޭނެއެެވެ." ވަރަށް އަސަރާއެކު އޭނާ ލިޔެފައިވެއެެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އަށްވަރަކަށް މީހުން މިއަދު ވަނީ ނިޔާވެފައެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނަށް، ގަޑިން ގަޑިއަށް ކާން ނުލިބުމާއި ފެންނުވެރުވުމާއި އަޅާނުލުމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާފައި ހުންނަ އެންމެ ބޮޑު ފެސިލިޓީ މިހާރު ފުލްވެފައިވާއިރު އެޑްމިޓްކުރާ ބަލި މީހުންނަށް އެކަށީގެންވާ ގޮތެއްގައި އެހީތެރިކަން ނުލިބޭކަން ގިނަބަޔަކު ފާހަގަކުރެއެވެ. ސަރުކާރުން ބުނެފައިވަނީ އެތަނުގައި ފަރުވާދޭން، އެންމެ އެކަށީގެންވާ އަދަދަށް ނަރުހުންނާއި ޑޮކްޓަރުންވެސް ނެތް ކަމަށެވެ.

ފެސިލިޓީގައި ހުރި 274 އެނދުގެ ތެރޭގައި ޑައިލިސިސް މެޝިނާއެކު ތައްޔާރުކޮށްފައިވާ ތިން އެނދުވެސް ހިމެނެއެވެ. އެތަނުގަައި 34 ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު 116 ނަރުހުން އެފެސިލިޓީގައި ދަނީ މަސައްކަތް ކުރަމުންނެވެ. އެމީހުންނަށް އެހީތެރިވެ ދިނުމަށް ގިނަ އަދަދެއްގެ ވޮލެންޓިއަރުންވެސް އެތަނުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން 40 ޕަސެންޓް ނަރުހުން ހާއްސަކޮށްފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމާއި އެހީތެރިވެދިނުމަށެވެ. އަދި އެހެން ނަރުހުން މެޑިކަލް ފެސިލިޓީގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން