ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ ބޭރުގެ ނަރުހުންނާއި ބަލި މީހުންނާއި ދެމެދު ރަނގަޅަށް މުއާމަލާތް ނުކުރެވި ވާނުވާ ނޭގޭތީ ބަލި މީހާއަށް އެކަށީގެންވާ ފަރުވާ ނުދެވޭ ކަަމަށް އެ ފެސިލިޓީން ފަރުވާ ހޯދި މީހަކު ބުނެފިއެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީ އިން ފަރުވާ ހޯދި މީހަކު ޝޯސަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ތިބެނީ އިންޑިޔާގެ ނަރުހުންނާއި ޑޮކުޓަރުން ކަމަށެވެ. ފެސިލިޓީތަކުގައި ގިނައިން ތިބީ އުމުރުން ދުވަސްވީ މީހުންނަށްވާއިރު އިނގިރޭސި ނުވަތަ ހިންދީ ނޭގޭތީ ނަރުހުންނަށް ބަލިމީހާއަށް ރަނގަޅަށް މުއާމަލާތް ނުކުރެވޭ ކަމަށް އޭނާ ބުނެފައިވެއެެވެ.

"ބަލިމީހާ އަށް ވާގޮތް ދެނެގަނެ ބޭސް ފަރުވާއަށް ރިކްއެސްޓްކުރާ ނަރުހުންނާއި ބަލިމީހާއާއި ދޭތެރޭ ރަނގަޅަށް މުއާމަލާތް ނުކުރެވި ދޭންޖެހޭ އެކަށީގެންވާ ފަރުވާ ނުދެވިވާ އެތަށް ހާލަތެއް މެދުވެރިވެއެެވެ. އަޅުގަނޑު އޮތީ ފިރިހެނުންނަށް ޚާއްސަ ވޯޑެއްގައެވެ. ޢެތާގައި ތިބީ މުޅިން ވެސް އުމުރުން ދުވަސްވީ މީހުންކަމުން ތަރުޖަމާނެއްގެ ރޯލު ވަރަށް ގިނައިން އަޅުގަނޑު އަދާކުރަންޖެހެއެވެ. ބައެއް ފަހަރު ޖެހިގެން އޮންނަ އުމުރުން ދޮށީ ބޭބެމެން ނަރުސް ނުވަތަ ޑޮކުޓަރުން އައުމުން ނިދާފައި އޮތަސް އަޅުގަނޑު ހޭލައްވައެވެ." އެމީހާ ބުންޏެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރަނީ 34 ޑޮކުޓަރުންނާއި 116 ނަރުހުންނެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން 40 ޕަސެންޓް ނަރުހުން ހާއްސަކޮށްފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމާއި އެހީތެރިވެދިނުމަށެވެ. އަދި އެހެން ނަރުހުން މެޑިކަލް ފެސިލިޓީގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީގެ ނަރުހުންގެ ޓީމު އެއްކޮށް މިއަދު ބަދަލުކޮށް އެހެން ބަޔަކު އެތަނަށް ފޮނުވާފައިވާ ކަމަށް ވަރަށް ކަށަވަރު މަސްދަރަކުން މިނޫހަށް ވަނީ އެނގިފައެވެ. މިއީ ސިޔާސީ މައްސަލައެއް ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.

ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 9 މީހަކު މިއަދު ވަނީ ނިޔާވެފައެވެ. އެ ފެސިލިޓީން މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާއިރު ބަލިމީހުންނަށް ރަނގަޅަށް އަޅާނުލެވޭ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ މާލެ ސަރަހައްދުގެ ހުރިހާ ފެސިލިޓީތައް ފުރިފައިވާއިރު އެތަންތަނުގައި ބަލިމީހުންނަށް ޚިދުމަތްދޭން އެކަށީގެންވާ މިންވަރަށް ނަރުހުންނާ ޑޮކްޓަރުން ވެސް ނެތްކަން ސަރުކާރުން ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން