ކޮވިޑް-19 ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނިޔާވާތީ އެ ފެސިލިޓީގައި ފަރުވާދިނުމަށް ހުރި ދަތިތައް ބަލާ އެކަން ހައްލު ކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވަނީ ކޮވިޑްގައި ރާއްޖެއިން ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވި މީހުން ކަމަށް ޝިޔާމް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

އެގޮތުން ފާއިތުވި 22 ދުވަހުގެ ތެރޭގައި މި ބަލީގައި 50 އަށްވުރެގިނަ މީހުން ރާއްޖެއިން ނިޔާވުމާއި ކުރިއާ ޚިލާފަށް މިހާރު ނިޔާވާ މީހުންގެ ތެރޭގައި ނިސްބަތުން އުމުރުން ހަގު މީހުން ހިމެނޭކަމަށް ޝިޔާމްގެ ހުށައެޅުއްވުމުގައި ވިދާޅުވެފައިވެއެވެ. އުމުރުން 50 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ނިޔާވާ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެ، އެ ބަލީގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދާ މީހުންކަން ފާހަގަކުރެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 41 މީހުން ނިޔާވެފައިވާއިރު އޭގެތެރެއިން 27 މީހުން ނިޔާވީ ހުޅުމާލެ ފެސިލިޓީގައި ކަމަށްވެފައި އައިޖީއެމްއެޗްގެ އީއާރުގައި 7 މީހުން ނިޔާވެ އޭޑީކޭ އީއާރުގައި އެކަކު ނިޔާވެފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދިން މީހުންގެ ތެރެއިން ނިޔާވީ 6 މީހުން ކަމަށެވެ. މަދު ވަސީލަތްތަކާއެކު ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އިސްސަފުގައި މަސައްކަތް ކުރާ ފަރާތްތަކުން އެކުރައްވާ މަސައްކަތް ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަަމަށް ޝިޔާމް ވިދާޅުވިއެެވެ.

އެހެންކަމުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދިނުމުގައި މައްސަލައެއް ނުވަތަ ދަތިތަކެއް ހުރިތޯ ބަލައި އެ ދަތިތައް ހައްލުކުރުމަށް ސަރުކާރަށް އެޅޭނެ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީން ދިރާސާކޮށް މިކަމާގުޅިގެން އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާކަމަށް ޝިޔާމް ހުށައެޅުއްވި މައްސަލައިގައި ވަނީ ބުނެފައެވެ. މިއަދު އެކަނިވެސް ހުޅުމާލޭ ކޮވިޑް ފެސިލިޓީއިން ނުވަ މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން